ސައީދު ވިދާޅުވީ އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއްވެސް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި ނުހައްގު އެއްވެސް މަންފާއެއް ވެސް ހޯދާފައި ނުވާނެ ކަމަށެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ހަދާފައިވާ ރިޕޯޓުގައި ހުރި މައުލޫމާތުތަކަކީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށާއި، ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު ރޭ ދަންވަރު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެ ހުންނަވައި، ކުންފުނީގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުއާމަލާތްތައް ކުރިއަށް ގެންގޮސްފައި ވާނީ ކުންފުނީގެ ތެރޭގައި ހަދާފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި ކުންފުނީގެ ބޯޑުން ކަނޑައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
"މި ދެންނެވި ގޮތާ ހިލާފަށް އެއްވެސް ބަޔަކަށް މުދަލެއް، ހިދުމަތެއް، ކޮންޓްރެކްޓެއް އަދި ޕްރޮޖެކްޓެއް ވިޔަސް ދީފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެމެވެ." އެ ބަޔާނުގައިވެ އެވެ.
ސައީދު ވިދާޅުވީ އަމިއްލަ ބޭނުމަށް ދައުލަތުގެ އެއްވެސް ފައިސާއެއްވެސް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި ނުހައްގު އެއްވެސް މަންފާއެއް ވެސް ހޯދާފައި ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އޮޑިޓާ ޖެނެރަލްފަދަ މިނިވަން މުއައްސަސާއަކުން އެފަދަ ރިޕޯޓެއް ނެރޭއިރު، ކުންފުނިން ހަގީގީ މުއާމަލާތްތައް ލިބެން ހުއްޓައި އެ މައުލޫމާތާއި އަދި އޭނާގެ ފަރާތުން ވެސް އެއްވެސް މައުލޫމާތެއް ނުހޯދައި ރިޕޯޓު އެކުލަވާލުމަކީ ވަކި މަގުސަދެއް ހޯދަން ކުރި ކަމެއް ކަމަށެވެ.
"ވަކި މަގުސަދެއް ހާސިލް ކުރުމަށް ހަގީގަތާއި ހިލާފު މައުލޫމާތު ހިމަނައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ކަމުގެ ހަގީގަތް އޮޅޭގޮތަށް މިފަދަ ދަނޑިވަޅެއްގައި ރިޕޯޓްތައް ނެރުއްވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި މުއައްސަސާތަކުގެ މިނިވަންކަމާމެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެއެވެ." ސައީދުގެ ބަޔާނުގައިވެ އެވެ.
އޭނާ އެ މަގާމުގައި ހުންނެވި މުއްދަތުގައި ފެނަކައިން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ އަދި ސިޔާސީ ކުލަ ނުޖެހި ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކަށް ވަނީ ގޮވާލައްވާފަ އެވެ. އެކަން ބަލާނަމަ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އޭގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ޒަމާނުއްސުރެ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ގެބަގުޅި އިންޖީނުގެތަކާއި އޮފީސްތަކާއި ބޮނބިނަރު ނެޓްވޯކްތައް އެންމެ ޒަމާނީ ފެންވަރަށް ބަދަލުކޮށް، އިރުއިރުކޮޅާ ކެނޑެމުން ދިޔަ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބަދަލުކޮށްފައިވާ ކަމަށެވެ.
އޮޑިޓު ރިޕޯޓުގައިވާ ގޮތުން ހިދުމަތާއި ތަކެތި ހޯދަން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބަސްވުންތަކެވެ. އެއީ އެއްބަސްވުންތަކުގެ 65 ޕަސެންޓެވެ.
އެ އެއްބަސްވުންތައް ހެދީ އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި، ދެތިން ފަރާތަކުން އަގު ހޯދައި، އެ ކޯޕަރޭޝަނުގެ ޑައިރެކްޓް ޕާޗޭޒް ކޮމިޓީން، މަސައްކަތް ހަވާލުކުރާނެ ފަރާތްތައް ނިންމައިގެން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.