"ގާނޫނަށް ވުރެ މަތީގައި ބައެއް ގައުމުތަކަށް އުޅެވޭނަމަ، އެއްވެސް ގައުމަކަށް ރައްކާތެރިކަމެއް ނެތް"

އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި، އދ.އިން ފާސްކޮށްފައިވާ ގަރާރުތަކާއި، ބައިނަލްއަގުވާމީ ކޯޓުތަކުން ނެރެފައިވާ އަމުރުތަކަށް ގޮންޖަހަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި

ފޮރިން މިނިސްޓަރު ހަލީލް. --ފޮޓޯ: ފޮރިން މިނިސްޓްރީ

ބައިނަލްއަގުވާމީ ގާނޫނުތައް ހަމަހަމަކަމާ އެކު ތަންފީޒު ނުކުރެވޭނަމަ، އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް ސަލާމަތެއް ނެތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ އާންމު ބަހުސްގައި ދެއްވި ހިތާބުގައި، ހަލީލް ވަނީ، ހަމަހަމަކަމާ އެކު، އދ.ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭކަން، އިޒްރޭލުން ފާޅުކަން ބޮޑު ގޮތެއްގައި ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމުން ސާފުވާކަމަށް ވިދާޅުވެފަ އެވެ.

މިގޮތުން، އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި، އދ.އިން ފާސްކޮށްފައިވާ ގަރާރުތަކާއި، ބައިނަލްއަގުވާމީ ކޯޓުތަކުން ނެރެފައިވާ އަމުރުތަކަށް ގޮންޖަހަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެންމެ ހެއްވާ ކަމަކީ، މި ގަތުލުއާއްމު ހިންގުމަށް ހަތިޔާރާއި އެހީ ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރާކަމަށް އެންމެ ވަރުގަދައަށް ވަކާލާތުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދުކުރުމުގެ ފަހަތުގައި ތިބި ގައުމުތައް ކަން،" އޭނާ ވިދާޅުވި އެވެ.

މި ޖަރީމާތައް ހުއްޓުވަން ދުނިޔެއިން ނުކުޅެދުމުގެ ސަބަބުން، އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ގަތަރާއި، ސޫރިޔާ، ޖޯޑަން، ޔަމަނު އަދި އީރާނާ ހަމައަށް ވެސް ފޯރާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާނަމަ، އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާކަށް ސަލާމަތެއް ނެތް ކަން މީގެން ކޮންމެ ހަމަލާއަކުން ސާފުވޭ،" އޭނާ ވިދާޅުވި އެވެ.

އދ.ގެ އޮނިގަނޑު އިސްލާހުކުރުން ނޫން ގޮތެއް ނެތް

މި ބޭއިންސާފު ނިމުމަކަށް ގެނެވޭނީ، ހަލީލް ވިދާޅުވި ގޮތުގައި، އދ.ގެ އޮނިގަނޑު އިސްލާހުކޮށްގެންނެވެ. 

އެ އޮނިގަނޑު އިސްލާހުކުރުމުގެ އިހްލާސްތެރި ނިޔަތެއް އޮތް ނަމަ، އެ މަސައްކަތެއް ފަށަން ޖެހޭނީ، މިހާރު އެއްވެސް ބާރެއް ނެތް ސަލާމަތީ މަޖިލީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިގޮތުން، އެ މަޖިލީހުގައި ވީހާވެސް ގިނަ ގައުމުތަކެއް ތަމްސީލުވާ ގޮތް ހެދުމާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ވެސް ގޮނޑިއެއް ހާއްސަކުރުމަށް ހަލީލް ހުށަހެޅުއްވި އެވެ.

"އަދި އެންމެ މުހިންމު ކަމަކީ، ވީޓޯ ކުރުމުގެ ބާރުގެ ފަހަތުގައި ފިލައި ނޯވެވޭނެ ސަލާމަތީ މަޖިލީހެއް އެކުލަވައިލުން،" އޭނާ ވިދާޅުވި އެވެ.

މިފަދަ ގޮތަކަށް އދ.ގެ އޮނިގަނޑު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ހަލީލް ވިދާޅުވި ގޮތުގައި، އދ.ގެ އިތުރުން ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު އަލުން އިއާދަކުރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.