މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އައިޝް 10 ދުވަހަށް އަދި އިއްލިއްޔީން އާއި އިނާޔަތު ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރެއިން އެކަކަކީ ދައުލަތުގެ މީޑިއާ، ޓީވީއެމްގެ ޕްރެޒެންޓަރެއް ކަމަށްވާ އިނާޔަތު އަލީ 34، އެވެ. ދެން ހައްޔަރު ކޮށްފައި ވަނީ މއ. މަޒާގެ، މުހައްމަދު އައިޝް އަހުމަދު 34، އަދި އެގޭ އާމިނަތު އިއްލިއްޔީން އަހުމަދު 25، އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެ އެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އައިޝް 10 ދުވަހަށް އަދި އިއްލިއްޔީން އާއި އިނާޔަތު ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޓީވީއެމްގައި މަސައްކަތް ކުރާ އިނާޔަތަކީ އެތަނުގެ ސީނިއާ އެއް ޕްރެޒެންޓަރެވެ. އެކިއެކި ޕްރޮގްރާމްތައް އުފައްދައި ހުށަހަޅާދޭއިރު، ދައުލަތުގެ އެކިއެކި އިވެންޓްތައް ވެސް އިނާޔަތު ހުށަހަޅައިދެ އެވެ.