ހިދުމަތާއި ތަކެތި ހޯދަން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބަސްވުންތަކެވެ.
ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮކިޔުމަންޓް އުސޫލުތަކާ ހިލާފަށް ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލްގެ ހާއްސަ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ހިދުމަތާއި ތަކެތި ހޯދަން ފެނަކައިން އެ މުއްދަތުގައި 673 އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ ތެރެއިން 438 އެއްބަސްވުމަކީ ބީލަމަށް ހުޅުވައި ނުލައި ހެދި އެއްބަސްވުންތަކެވެ. އެއީ އެއްބަސްވުންތަކުގެ 65 ޕަސެންޓެވެ.
އެ އެއްބަސްވުންތައް ހެދީ އާއްމުކޮށް އިއުލާނުކުރުމަކާ ނުލައި، ދެތިން ފަރާތަކުން އަގު ހޯދައި، އެ ކޯޕަރޭޝަނުގެ ޑައިރެކްޓް ޕާޗޭޒް ކޮމިޓީން، މަސައްކަތް ހަވާލުކުރާނެ ފަރާތްތައް ނިންމައިގެން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުންޏެވެ.
މަސައްކަތާއި ހިދުމަތް ހޯދުމުގެ އެއްބަސްވުންތައް އެގޮތަށް ހެދި އިރު ރާއްޖޭން ބޭރުން ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ސަޕްލައި ކުރުމުގައި، ސަޕްލަޔަރުންނަށް ދީފައި ވަނީ އެ ކަންކަމަށް ހަގީގަތުގައި ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށް ކަން ވެސް އޮޑިޓުން އެނގުނެވެ. ރިޕޯޓްގައިވާ ގޮތުން އެ ތަކެތި ގެނައި ސަޕްލަޔަރުން ފެނަކަ އަށް ތަކެތި ވިއްކާފައި ވަނީ 40 ޕަސެންޓާއި 55 ޕަސެންޓާ ދެމެދުގެ ބޮޑު ފައިދާއެއް ލައިިގެންނެވެ.
ފެނަކައިން އުސޫލާ ހިލާފަށް ހިންގާފައިވާ މި ނޫން ވެސް ގިނަ ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ހުށަަހަޅުއްވާފައިވާ އެއް ކަމަކީ އެ ކަންކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
ނަމަވެސް، އެކަމާ އޭރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.