ޖަޕާނުގެެ އެހީގައި ހުޅުވި މި ޑީކޯ ޗެމްބަރު ހިދުމަތުގެ ސަބަބުން މަސްވެރިންނާއި ޓޫރިޒަމް ސިނާއަތުގައި ދެވޭ ހިދުމަތަށްވެސް ގިނަ ބޭނުން ހިފޭނެ އެވެ.
ރައީސްގެ ރިޔާސީ ވައުދުގައި ހިމެނޭ މަސްވެރިންނާއި ފީނާ މީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާނެ ފަރުވާ ދޭ ޑީކޯ ޗެމްބަރު ހެދުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ތަން ތ. ގުރައިދޫގައި ހުޅުވައިިފި އެވެ.
ދިވެހި ސިފައިން ބަލަހައްޓާ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާ ޖަޕާން ސަރުކާރުން ހަދިޔާކޮށްފައިވާ މެޝިނެކެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތ. ގުރައިދޫއަށް ކުރެއްވި ޒިޔާރާތުގަ އެވެ.
ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ރޭ ވިދާޅުވީ މި ޑިކޯ ޗެމްބަރަކީ މަސްވެރިންނާއި ޑައިވްކުރާ މީހުންގެ ފުރާނަ ސަލާމަތްކުރަން ހިދުމަތަކަށްވާނެ އެވެ.
"މިއީ 100 މީޓަރު އަޑިން ޑީކޯ ވިޔަސް ޓްރީޓްމަންޓް ދެވޭ ފެންވަރު މީގައި އެބަހުރި. އޭގެ އިތުރަށް ވެސް އޮކްސިޖަން ތެރަޕީ އާއި މިފަދަ އިތުރު އެހެން ކަންކަމަށް ވެސް ކަމާ ބެހޭ ޑޮކްޓަރުންނަށް އެ ޗެމްބަރުގެ ބޭނުން ހިފޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މީގެ އިތުރުން މާލެ އާއި އއ. ރަސްދު އާއި ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ އަދި އައްޑު އާއި ފުވައްމުލަކުގައި ޑީކޯ ޗެމްބަރު ހިދުމަތް ކުރިއަށް އޮތް ހަތަރު މަސް ތެރޭ ހުޅުވޭނެ އެވެ.
ޑީކޯވުން - ޑީކޯވުމަކީ ޑައިވް ކުރުމުގައި އަޑިއަށް ދިއުމަށް ފަހު, މައްޗަށް އަރަން ޖެހޭ ދުވެއްޔަށްވުރެ އަވަހަށް އެރުމުން ކުރިމަތިވާ މައްސަލަ އެކެވެ. މިކަމުގެ ސަބަބުން ލޭގެ އެތެރޭގައި އެކި ތަންތަނުގައި ގޭސް ބޮކި ތަކެއް އުފެދެ އެވެ. މި މެޝިނުން ދޭ ފަރުވާއަކީ މެޝިނަށް ލައިގެން އެމީހާ ހަށިގަނޑުން އެކަން ފިލުވައި ދިނުމެވެ.