އެމްޕީއެލް ތައްޔާރު ވަނީ މާލެ ބަނދަރަށް ލުއިވާނެ މަޝްރޫއަކަށް

ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓުން ހުޅުމާލެ އާއި ޓީޖެޓީ އަދި މާލޭގެ ބަނދަރުން މުދާ އަރުވައި ބާލާ އޮޑިފަހަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. ،މި މަޝްރޫއު އަންނަ އަހަރު ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށް ސީއީއޯ ރިޝްވާން ވިދާޅުވި އެވެ.

އެމްޕީއެލް ސީއީއޯ މުހައްމަދު ރިޝްވާން އެމްޕީއެލް ނައިޓުގައި ވާހަކަ ދައްކަވަނީ -- އެމްޕީއެލް

ރާއްޖޭގެ ވިޔަފާރިއަށް އިގްތިލާބީ ބޮޑު ބަދަލެއް އަންނާނީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުންނެވެ. މި މަޝްރޫއަށް ސަރުކާރުން ތައްޔާރު ވަމުންދާއިރު ވިޔަފާރި ބަނދަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް ) އިން ދަނީ ފިޔަވަހިތަކަށް ބަހާލައިގެން މި މަޝްރޫއާ ދިމާލަށް ގެންދިއުމަށެވެ. މިގޮތުން މާލެ ވިޔަފާރި ބަނދަރުން ހިދުމަތް ހޯދާ އާއްމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަށް ލުއި ހޯދައިދޭން އެ ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ. މި ދަތިކަމުގެ ހައްލު ގެންނަނީ ރަށްރަށަށްދާ އޮޑި ފަހަރަށް މުދާ އަރުވައި ބާލާން ކުރިމަތިވާ ހުރަސްތަކަށް ހައްލު ހޯދައި ދިނުމަށެވެ. އެކަމަށް ބަލައި އެމްޕީއެލް އިން ވަނީ ބަނދަރު ބޮޑު ކުރުމަށް ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް އަންނަ މަހުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުންނެވެ.

"މިރާ" އަށް ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މިހާރުގެ ސީއީއޯ އަދި ކުރިން ފުލުހުންނާއި ސިފައިން ގެއަށް ވެސް ހިދުމަތް ކުރެއްވި މުހައްމަދު ރިޝްވާން ވިދާޅުވީ މި ބަދަލު ވެގެންދާނީ މާލެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ލުޔަކަށެވެ. 

"ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓުގެ ފަށަން ރައީސް އޮފީހުން ވަނީ ހުއްދަ ދީފަ، އަންނަ މަސް ތެރޭގައި އެ މަަޝްރޫއުގެ މަސައްކަތް ފަށަން މިދަނީ ތައްޔާރު ވަމުން. މި މަޝްރޫއު ނިމުމުން ނޯތު ހާބަރާއި ޓީޖެޓީ އަދި ހުޅުމާލެއިން ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ރިޝްވާން ވިދާޅުވި އެވެ. 

ސީއީއޯ ރިޝްވާން ވިދާޅުވި ގޮތުގައި އެޕްޕީއެލް އަށް 40 އަހަރު ފުރޭ ދުވަހަކީ މި މަޝްރޫއު ނިންމައި ހުޅުވާނެ ދުވަހަށް ހެދުމެވެ. 

އެމްޕީއެލް އިން ބަލަހައްޓަމުން ގެންދާ މާލެ ބަނދަރު -- އެމްޕީއެލް

އެމްޕީއެލް އަށް ސަރުކާރުން ދާދިފަހުން ވަނީ ނޯތުހާބަރު ހިމެނޭހެން މުޅި ބަނދަރު ހިންގުން ހަވާލުކޮށްފަ އެވެ. މި ބަދަލާއެކު ބަނދަރުން ޖާގަ ދެވޭ އުޅަނދުގެ އަދަދުވެސް އިތުރުވެގެންދާނެ އެވެ. މި ބަދަލާއެކު މާލޭ ނޯތު ހާބަރުގެ ކީވޯލް އިން ކުރިން 32 އުޅަނދަށް ޖާގަ ދެވުނު ނަމަވެސް، ނޯތު ހާބަރުގެ ސަރަހައްދަށް މިއައި ބަދަލާއި ގުޅިގެން މުދަލާއި ޕަސެންޖަރުން އުފުލުމަށް 54 އުޅަނދަކަށް އެ ހާބަރުން ޖާގަ ލިބިގެންދާނެ އެވެ. އަދި މަސް ދޯނި ފަހަރަށް ޚާއްސަކުރެވިފައިވާ 20 ޖާގަ ހިމެނިފައިވާނެ އެވެ. އެހެންކަމުން މާލޭ ނޯތު ހާބަރުގެ ކީ ވޯލްއިން މިހާރު އެއްފަހަރާ 74 އުޅަނދަކަށް ޖާގަ ދެވޭނެ އެވެ. އަދި 25 އުޅަނދު ވެއިޓިންގައި މަޑުކުރުމަށް ފުރުސަތު ލިބެގެންދާނެ އެވެ.

އެމްޕީއެލް އިން ވަނީ އެ ކުންފުނީގެ ހިދުމަތްތައް އަވަސް ވާނެ އިތުރު ބަދަލެއްގެ މަސައްކަތް ވެސް މިމަހު ފަށާފަ އެވެ. އެއީ ތިލަފުށީގައި "އެމްޕްޓީ ކޮންޓޭނާ ޑީޕޯ"އެއް ހަދާފަ އެވެ. މިއީ ރާއްޖެ ގެނެސް މާލޭގައި ބަހައްޓާފައި ހުންނަ ހުސް ކޮންޓެއިނާ ބަހައްޓަން ހަދާ ތަނެކެވެ. މިތަނުގައި ޖުމްލަ 2400 ޓީއީޔޫ ބެހެއްޓޭނެ އެވެ. މި ޑީޕޯގެ ސަބަބުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާރިމަނަލްގެ އޮޕަރޭޝަންސް އަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުއިއެއް ލިބިގެންދާނެ އެވެ. ތިލަފުށީގައި ގާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނާ ޑީޕޯ" ގައި 60 މީޓަރު ކި ވޯލެއް ތަރައްގީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ.ސީ)އާ ހަވާލުކޮށްގެނެވެ.

ތިލަފުށީ ބިޔަ މަޝްރޫއު - މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށްވެސް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ބިޔަ މަޝްރޫއަކީ ގާތްގަނޑަކަށް 225 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. މި މަޝްރޫއު އެއްކޮށް ނިމޭނީ 2027 ވަނަ އަހަރު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.