"އިހުތިސޯސުން ރަށެއް ވަކިކޮށް، ރިސޯޓު ހިންގާނަމަ ކައުންސިލްތަކަށް ފައިދާވާނެ"

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް އެގޮތަށް ކައުންސިލްގެ އިހުތިސޯސުން ވަކިކުރުމަށްފަހު ބައެއް ފަޅު ރަށްތައް ޓޫރިޒަމް އިންވެސްޓްމެންޓަށް ދޫކޮށްފައި ވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ރިސޯޓު ތަރައްގީ ކުރުމަށް ރަށެއްގެ އިހުތިސޯސުން ފަޅު ރަށެއް ވަކިކޮށްފިނަމަ، އެ މަޝްރޫއުގެ ސަބަބުން ކައުންސިލްތަކަށް ދާއިމީ މަންފާ ލިބޭނެ ގޮތަކަށް އިސްލާހުތައް ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. އޮމަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައި ވަނީ ރަށެއްގެ ފަޅުތެރޭގައި އޮންނަ ފަޅު ރަށެއްގައި ރިސޯޓް ތަރައްގީ ކުރެވޭނީ އިހުތިސޯސުން ވަކިކުރުމަށްފަހުގައި ކަމަށެވެ.

އެގޮތަށް ރައީސް ދެންނެވީ އޮމަދޫގެ ފަޅުތެރޭގައި އޮތް ދެ ފަޅުރަށް ތަރައްގީ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ވެސް އެގޮތަށް ކައުންސިލްގެ އިހުތިސޯސުން ވަކިކުރުމަށްފަހު ބައެއް ފަޅު ރަށްތައް ޓޫރިޒަމް އިންވެސްޓްމެންޓަށް ދޫކޮށްފައި ވާނެ ކަމަށެވެ.

"އެއީ ޓޫރިޒަމް އިންޑަސްޓްރީ ހިމާޔަތް ކުރުމަށްޓަކައި، ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ކުރިއަށް ގެންދިއުމުގަ އިހުތިސޯސުން ވަކިކޮށްގެން، ވަކި ކުރިޔަސް ކައުންސިލަށް، ރައްޔިތުންނަށް މިތާ ކައިރީ އޮތީމައި އެންމެ ފައިދާވާނީ ވަޒީފާގެ ގޮތުންނާ އެހެން ގޮތް ގޮތުން،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ރައީސް ވިދާޅުވީ އިހުތިސޯސުން ވަކިނުކޮށް ސިޓީ ހޮޓެލް އާއި ގެސްޓްހައުސް ފަދަ ވިޔަފާރިތައް ހިންގޭނެ ކަމަށެވެ. 

އިހުތިސޯސްގައި ބާއްވައިގެން ރިސޯޓް ތަރައްގީ ކުރެވޭނެތޯ ކައުންސިލްތަކުން ބޭނުންވާ ސަބަބެއް ކަމަށް ބެލެވެނީ އެގްރިމެންޓްގައި ހިމަނައިގެން އެކަމުން ކައުންސިލަށް ފައިދާއެއް ލިބޭނެ ގޮތް ހެދުމަށް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު ހިތުން ކައުންސިލްތަކުން އޭގަ އެ ބައްލަވަނީ އެގްރިމެންޓްގަ ހިމަނައިގެން ކައުންސިލަށް އޭގެއިން ވަކި އިންސައްތައެއްގެ ޕްރޮފިޓެއް ލިބޭނެ ގޮތް ހަދަން. ދެން މީގައި ގާނޫނީ ގޮތުން އެ ފުރުސަތު ދެވޭނެތޯ ނޫންތޯ އެއީ އަޅުގަނޑުމެން އަދިވެސް ބަލަމުންދާ ކަމެއް، ވަކި ރަށަކަށް އޭގެއިން ފައިދާވުން އެއީ މިހާރު ހައްލު ނުވެ އޮންނާނެ ކަމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަށުގެ އެންމެ ކައިރީ އޮންނަ ފަޅު ރަށުގައި ރިސޯޓެއް ހަދައިފިނަމަ އެންމެ ފައިދާވާނީ އެރަށކަށް ކަމަށެވެ. އެހެންކަމުން ގާނޫނަށް ބަދަލުނުގެނެސް، ގަވާއިދު އިސްލާހުކޮށްގެން އެ ފުރުސަތު ހޯދައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.