މި އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 24.06 ގުރާމްގެ ތަކެއްޗާއި 363 މަނާ ބޭސް ގުޅަ ފެނިފައިވެ އެވެ.
ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓު ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 24.06 ގުރާމްގެ ތަކެއްޗާއި 363 މަނާ ބޭސް ގުޅަ ފެނިފައިވެ އެވެ. އެ ބޭސްގުޅަ ތަކުގައި 36.7 ގްރާމް ހުއްޓެވެ.
ފުލުހުން ބުނީ އޭގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އެއީ ށ. ފޭދޫ، މާވަސްގެ، އަހުމަދު ސައްފާން (26އ) އާއި މާލެ، ހމ. މާވަހަރު، ޝާނާ (32އ) އާއި ފާރޫކް ޗޮކީދާރު، ބަންގްލަދޭޝް (50އ) އަދި ސަފިކް، ބަންގްލަދޭޝް (40އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ 10 ދުވަހަށް އަދި ދެންތިބި ތިން މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.