ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މިރުހުގެ ބާވަތް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަން ނިންމިނަމަވެސް، ރަށުގެ ދަނޑުވެރިންނަށް އޭގެ އެއްވެސް ގެއްލުން ނުވާނެ އެވެ.

އެސްޓީއޯ އިން މިރުސް އެތެރެ ކުރަން ނިންމި ނަމަވެސް ކަނޑޫދޫ ދަނޑުވެރިންގެ މަސައްކަތަށް ގެއްލުންވާ ގޮތަށް އެކަން ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބާޒާރަށް އެތެރެކުރާ މިރުހުގެ ބޮޑު ޕަސެންޓެއް ކޮންޓްރޯލް ކުރާ ކަނޑޫދޫއަށް ރައީސް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިރުހުގެ ބާވަތް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރަން ނިންމިނަމަވެސް، ރަށުގެ ދަނޑުވެރިންނަށް އޭގެ އެއްވެސް ގެއްލުން ނުވާނެ އެވެ. 
ރައީސް ވިދާޅުވީ ކަނޑޫދޫ ދަނޑުވެރިންނަށް ގެއްލުން ވިޔަ ނުދޭން އެސްޓީއޯ އަށް މިރުސް ގަނެވޭނެ ގޮތްވެސް ހަދައިގެން ނަމަވެސް ގެއްލުން ވިޔަ ނުދެއްވާނެ ކަމަށާއި، އެއްގޮތަކަށްވެސް ދަނޑުވެރިން މި ނިންމުމާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.
ރައީސް ވަނީ ކަނޑޫދޫގައި ކުރިއަށްދާ ބައެއް މަޝްރޫއުތަކުގެ އަޕްޑޭޓުވެސް ދެއްވާފަ އެވެ. މިގޮތުން ކުރިން ފެށިނަމަވެސް މިހާރު ހުއްޓިފައިވާ ރަށުގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތުގެ ތަފުސީލް ދެއްވި އެވެ. ރައީސް ވިދާޅުވީ ވީހާވެސް އަވަހަށް އެ މަސައްކަތް ނިންމޭގޮތަށް ކަންކަން ހަމަޖައްސަވާނެ ކަމަށާ މި މަސައްކަތްތައް ލަސްވެފައި ވަނީ ސަރުކާރުން ފައިސާ ހަމަޖައްސައިނުދީގެން ނޫންކަމަށެވެ.
"ކޮންޓްރެކްޓް ޓާމިނޭޓްކޮށް އެމްޓީސީސީއާ މިހާރު އެ މަސައްކަތް ހަވާލުކޮށްފަ . ހަތަރު މަސްތެރޭގައި ހެލްތް ސެންޓަރުގެ މަސައްކަތް ނިންމާނަން. ކްލާސްރޫމާ، ލެބޯޓްރީ އަދި ސްކޫލަށް ބޭނުންވާ ޖާގައާ ވަސީލަތް އިތުރުކުރުމުގެ މަސައްކަތް ހަތަރު މަސް މަސްތެރޭ ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ކަނޑޫދޫ ދަތުރުފުޅުގައި ފެށި މަޝްރޫއުތައް

ކަނޑޫދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއެކު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒިމެވެ.
އޭގެ އިތުރުން ކަނޑޫދޫ ބަދަރުގައި ވަކި ޖެޓީއެއް ގާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މުއްތޮލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ އެވެ.
ކަނޑޫދޫ ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކީ ބަނދަރު ބޭރުތޮށްޓާއި އިންވެގެން 150 މީޓަރު ދިގުމިނުގެ އަދި ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމެވެ.