ބަޖެޓުގެ ހަރަދު | މި އަހަރު 26.6 ބިލިއަން، މިދިޔަ އަހަރު 31 ބިލިއަން

ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ރިކަރަންޓް ހަރަދު 0.2 ޕަސެންޓް އަދި ކެޕިޓަލް ހަރަދު 57.4 ޕަސެންޓުން ދަށްވެފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް 26.6 ބިލިއަން ރުފިޔާ ހަރަދު ކުޑަކުރިއިރު، މިދިޔަ އަހަރު ހަރަދު ހުރީ 31 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ މިއީ 15 ޕަސެންޓުގެ ދަށްވުމެކެވެ. 

ފިނޭންސުން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 26.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 15.1 ޕަސެންޓް ދަށް އަދަދެކެވެ. އެގޮތުން، ރިކަރަންޓް ހަރަދު 0.2 ޕަސެންޓް އަދި ކެޕިޓަލް ހަރަދު 57.4 ޕަސެންޓުން ދަށްވެފައިވެ އެވެ.

ރިކަރަންޓް ހަރަދުގެ 58.5 ޕަސެންޓް ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 3.6 ޕަސެންޓް ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 14.2 ޕަސެންޓުން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 15.8 ޕަސެންޓް ދަށްވެފަ އެވެ. އޭގެ އިތުރުން، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 3.4 ޕަސެންޓުން ވަނީ ދަށްވެފަ އެވެ. މިއާއި އެކު ދައުލަތުން ފޯރުކޮށްދޭ އެކި އެހީ އަދި ސަބްސިޑީތައް ފޯރުކޮށްދިނުމަށް ކުރެވުނު ހޭދަ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 7.4 ޕަސެންޓް ދަށެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަ 4.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރެގައި އެ ހަރަދު ހުރީ އެ މިންވަރަށް ވުރެ 124.2 ޕަސެންޓް ދަށް އަދަދެއް ކަމަށްވާ 1.9 ބިލިއަން ރުފިޔާގަ އެވެ. މީގެ މައިގަނޑު ސަބަބަކީ، ދައުލަތުން މީގެ ކުރިން ނަގާފައިވާ ލޯނުތަކަށް މިމުއްދަތުގެ ތެރޭގައި އިންޓަރެސްޓްގެ ގޮތުގައި ކުރި ހޭދަ އިތުރުވުމެވެ.

ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.5 ބިލިއަން ރުފިޔާ އެވެ. އެގޮތުން، މަގު ހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗާ އެސެޓްތަކަށް ތިން ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފަ އެވެ.

މި އަހަރަށް އެކުލަވައިލައިފައިވާ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 12.4 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ކޮށްފައިވާ ހޭދަ އިތުރުވާން ފަށައި 4.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު ޕަސެންޓެއް ބިން ހިއްކުމާއި މަގު ހެދުމުގައި މަޝްރޫއުތަކަށް ހޭދަކޮށްފައިވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީއެސްއައިޕީ ހަރަދުގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫއުތަކަށް ކޮށްފައިވާ ހަރަދެވެ. އެގޮތުން މިފަދަ މަޝްރޫއުތަކަށް ޖުމުލަ 2.6 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހަރަދުކޮށްފަ އެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 135.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިއާއެކު، މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 26.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަދި ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު މިއަހަރުގެ ހަރަދު 15.1 ޕަސެންޓް ދަށެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް 741.2 މިލިއަން ރުފިޔާގެ ސާޕްލަސެއްގައި ވަނީ ދެމެހެއްޓިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.