ކާރުން ޖެހި އެ މީހާ ވެއްޓުމުން، މަޑުނުކޮށް އެ ކާރު ވަނީ އެ ސަރަހައްދުން ގޮސްފަ އެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފަ އެވެ. އެ މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.
ކަފިހިހުރަސްމަތިން މަގު ހުރަސް ކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން، ކާރު މަޑުނުކޮށް ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދީއަތަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިންގާފައި ވަނީ ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހިފައި ކަމަށެވެ.
ކާރުން ޖެހި އެ މީހާ ވެއްޓުމުން، މަޑުނުކޮށް އެ ކާރު ވަނީ އެ ސަރަހައްދުން ގޮސްފަ އެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފަ އެވެ. އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް، ދަޑިމަގު. ނައިސް، ހާލިދު އަބްދުﷲ އަލީ 57، ވަނީ ހައްޔަރުކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.