"މިއަދު ފާޑުކިޔަސް ކުރިއަށް އޮތްތަނުގައި ނިންމުންތަކުގެ ފައިދާ ކުރާނެ"

"އަޅުގަނޑުމެންނަށް އެބަ ފެނޭ އިޖުތިމާއީ މައްސަލަތަކަށް ހައްލު ލިބެމުންދާތަން ވެސް އަދި ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް އެކަންކަން ފެންނަމުން ވެސް އެބަ ދޭ،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް މިއަދު ދިއްގަރުގައި ވާހަކަ ދައްކަވަނީ --

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ނިންމަމުންދާ ނިންމުންތަކަށް މިއަދު ފާޑުކިޔަސް، އެއީ ރަގަޅު ނިންމުންތަކެއްކަން ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެ ކަމަށް މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ދާއިރާ، ދިއްގަރު ދާއިރާއަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކަށް އެއްވެސް ވަރަކަށް 'އަތްލާން' ނުކެރުނު އެތައް މައްސަލައެއް މި ސަރުކާރުން ހައްލުކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރު އައިއިރު ގައުމު އޮތީ އިގްތިސޯދީ ގޮތުން ރަގަޅު ހާލަތެއްގައި ނޫން ކަމަށާއި ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ނިންމައި، އާ މަޝްރޫއުތައް ފަށައިގެންފައިވާ ކަމަށެވެ. އާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކަނި ނޫން ކަމަށާއި، އެހެން ދާއިރާތަކުން ވެސް ކަންކަން ހައްލުކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އިޖުތިމާއީ މައްސަލަތަކަށް ހައްލު ލިބެމުންދާތަން ވެސް އަދި ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް އެކަންކަން ފެންނަމުން ވެސް އެބަ ދޭ،" ނާޒިމް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ބިދޭސީންގެ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައާއި އިޖުތިމާއީ އެހެން މައްސަލަތައް ނާޒިމް ފާހަގަކުރެއްވި އެވެ. އަދި މަޖިލީހުން ވެސް ނިންމަމުން ދަނީ ފަސޭހަ ނިންމުންތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ފަސޭހަ ނިންމުންތަކެއް ނޫން [މަޖިލީހުން ވެސް ނިންމަނީ]، ވަރަށް އަޅުގަނޑުމެންނަށް ފުރައްސާރަ ރައްދުކޮށް އަދި އެކިއެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ބަހުގެ ހަމަލާތައް ވެސް އަންނަ ނިންމުންތައް. މަގުބޫލު ނިންމުންތަކަށް ނުވެދާނެ، ޑޮލަރާ ބެހޭ ގޮތުން ނިންމި ނިންމުން ވެސް، ޑްރަގާ ބެހޭ ގޮތުން ނިންމި ނިންމުން ވެސް އަދި ދާދިފަހުން މީޑިއާއާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެން ނިންމި ނިންމުން ވެސް. އެހެންނަމަވެސް އެއީ މުޖުތަމައުއެއް މުޖުތަމައުއެއްގެ ގޮތުގައި ދެމި އޮތުމަށްޓަކާ އަޅުގަނޑުމެން ނިންމަން ޖެހޭ އުނދަގޫ ނިންމުންތަކެއް،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމުމަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި އޭގެ ނަތީޖާ ފެންނަމުން ދާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނާޒިމް ވަނީ މަޖިލީހުގެ އަންނަ ދައުރުގައި ކައުންސިލްތަކުގެ ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ ގާނޫނު އިސްލާހު ކުރާނީ ކައުންސިލްތަކަށް މިހާރަށްވުރެ ރަގަޅަށް ކަންކަން ފަހިވެގެންދާނެ ގޮތަށް ކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.