ޑޮލަރު ބަދަލު ނުވިޔަސް އާފަލާއި އޮރެންޖުގެ އަގު ބަދަލުވެއްޖެ

އާފަލާއި އޮރެންޖުގެ ދަނޑުވެރިކަން ދުނިޔޭގައި ވަނީ ހީނަރުވެފަ އެވެ. މި ބަދަލުގެ ސަބަބުން ޔޫރަޕުގައި އޮރެންޖުގެ އަގު އުފުލި އޮރެންޖް ޖޫހުގެ އިންފްލޭޝަން ވަނީ މަތިވެފަ އެވެ.

އުފަންވެލި ފިހާރާގައި ރޭ އޮރެންޖާއި އާފަލް ވިއްކަން ބަހައްޓާފައި

ދެ ހަފުތާއެއް ކުރިން ސޯޝަލް މީޑިއާގައި އެންމެ ކެކުނީ އާފަލްގެ އަގު ބޮޑުވެގެން އެ ވާހަކަ އެވެ. އާފަލްއަކީ ބާޒާރުގައި ތަކެތީގެ އަގު މަތިވާކަމުގެ ހެއްކެއްގެ ގޮތުގައި ކިޔައި އުޅުނެވެ. މީގެ މައިގަނޑު ސަބަބަކީ ޑޮލަރުގެ އަގު ބޮޑުވުންކަމަށް ބުންޏެވެ. ނަމަވެސް ޑޮލަރުގެ އަގަށް ބަަދަލެއް ނައިނަމަވެސް އާފަލްގެ އަގު ދަށްވެއްޖެކަން ފިހާރަތަކުގެ މުދާ ހަރުން ފެންނަން ފަށައިފި އެވެ. 

ބާޒާރުގައި މިދިޔަ ދެ ހަފުތާ ވެސް އާފަލެއް ހުރީ ނުވަ އިން މަތީގަ އެވެ. މަތިވެގެން ގޮސް އާފަލެއް 13ރ. އަށް ވެސް ހުއްޓުނެވެ. އޮރެންޖެއްގެ އަގު ވެސް 10ރ. އަށްވުރެ މަތިވެގެން ދިޔަ އެވެ. ނަމަވެސް ރާއްޖޭގެ އާފަލާއި އޮރެންޖް އަދި ތަރުކާރީ އެތެރެކުރާ އުފަންވެލީގެ މުދާ ހަރުތަކުގައި ހުރި އަގު ތަކަށް ބަލާއިރު ފެންނަނީ ބޮޑު ތަނުން އަގުތައް ވެއްޓިފައި ހުރި ތަނެވެ. 

އުފަންވެލި ފިހާރާގައި މިހާރު ޗައިނީޒް ގްރީން ނުވަތަ ފޮނި ފެހި އާފަލެއް ހުރީ 7.50ރ. އަށެވެ. އަދި ފެހި އާފަލެއްގެ އަގު ހުރީ 6.50ރ. އަށެވެ. އޮރެންޖެއްގެ އަގު ހުރީ ފަސް ރުފިޔާ އަށެވެ. 

އަގު މަތިވި ސަބަބު - ބާޒާރުގައި އާފަލާއި އޮރެންޖުގެ މަތިވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި އޮތް މުދަލުގެ ޝޯޓޭޖުގެ ސަބަބުންނެވެ. މި ޝޯޓޭޖުގެ އަސްލަކީ އޮރެންޖާއި އާފަލް ހައްދާ ގައުމުތަކަށް މި ދެ ބާވަތުގެ މޫސުން ނެތުމާއެކު އޮރެންޖް އަދި އާފަލްގެ މަތިވަރު ދަށްވެ ބާޒާރަށް ނެރޭ އަދަދު ދަށްވުމެވެ. މީގެ މައިގަނޑު އަސްލަކީ އޮރެންޖާއި އާފަލް ދުނިޔެއަށް އެންމެ ގިނައިން ނެރޭ ބްރެޒިލްގެ ދަނޑުވެރިކަމަށް އައި ހަރީފް މޫސުމެވެ. 

މި ބަދަލުގެ ސަބަބުން ޔޫރަޕްގެ މާކެޓަށް ވެސް ވަނީ އާފަލާއި އޮރެންޖުގެ ދަތި ކަމެއް ކުރިމަތިވެ އެވެ. މިކަމުގެ ސަބަބުން ޖޫހުގެ އަގު ވަނީ އުފުލިފަ އެވެ.  \

ބްރެޒިލްގައި އޮރެންޖް ކޮންޓްރޯލްކޮށް އަދި ބަލަހައްޓާ ފަންޑެސިޓްރަސް އިން އަންދާޒާ ކުރާ ގޮތުގައި މިދިޔަ ސީޒަނުގައި 307.22 މިލިއަން ފޮށި މާކެޓަށް ނެރުނެވެ. ނަމަވެސް ސައޯ ޕައުލޯ އާއި ހުޅަނގު ދެކުނު މިނާސް ޖެރައިސްގައި އޮރެންޖު އުފެއްދުން އަހަރުން އަހަރަށް ބަލާއިރު ވަނީ %30 ދަށްވެފަ އެވެ. މިީއީ ހަމައެކަނި އޮރެންޖެވެ. އާފަލަށް ވެސް މި ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. 

މި ބަދަލުގެ ސަބަބުން މި ދެ ބާވަތް ރާއްޖޭގައި އަގު ހެޔޮކުރަން ސަރުކާރުން މަސައްކަތް ތަކެއް ވަނީ ފަށާފަ އެވެ. އެސްޓީއޯއިން ތަކެތި އެތެރެ ކުރަން މަސައްކަތް ކުރުމާއި ވިޔަފާރިތަކަށް ހުރި ޑޮލަރުގެ ޓީޓީ ހެދުމުގެ ދަތިތަކަށް ލުއި ދިނުން ވެސް ހިމެނެ އެވެ. 

ސަޕްލައިގައި ގޮންޖެހުންތައް ހުރަސް ކުރުމުގެ ގޮތުން އޮރެންޖާއި އާފަލް ހިމެނޭހެން އެސްޓީއޯ އިން 26 ބާވަތެއްގެ ލިސްޓެއް ހަދައި އެތެރެ ކުރަން މަސައްކަތް ކުރި އެވެ. .ނަމަވެސް އެސްޓީއޯ އަށް ވެސް ކުރު މުއްދަތެއްގައި މި ދެ ބާވަތް ގެނެސް ބާޒާރު ފުރާލުމަކީ ދަތިކަމަށްވެ އެވެ. ސަބަބަކީ އެ ކުންފުނިން ވެސް މި ދެ ބާވަތް ގެންނަން ޖެހެނީ ޕްރައިވެޓް ސަޕްލަޔާސް ވެސް މުދާ ގެންނަ ބާޒާރު ތަކުން ކަމަށްވުމެވެ. އެސްޓީއޯ މީހުން ވެސް މި ދެ ބާވަތް ގެންނަން ޖެހެނީ ފިނިކުރި ރީފާ ކޮންޓެއިނާސްގައި ދުރު ގައުމުތަކުންނެވެ. އެހެންވެ މިހާރުހުރި ސަޕްލައި ގޮންޖެހުން ހަމައެގޮތުގައި އެ ކުންފުންޏަށްވެސް ކުރިމަތިވާނެ އެވެ. 

ތަޖުރިބާކާރުންނާއި ދުނިޔޭގެ ބާޒާރުން މިހާރު ފެންނަ މަންޒަރުން ދައްކާ ހަގީގަތަކީ ކުރިމަގުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ދެ ބާވަތަކީ އަދި ވެސް އޮރެންޖާއި އާފަލަށްވާނެ އެވެ. އަގު ކޮންޓްރޯލް ކުރަން ކުރިމަގުގައިވެސް މި ދެ ބާވަތް ދަތިވާނެ އެވެ. އަދި އަގުތައް ހިފަހައްޓަން ގިނަ މަސައްކަތްތަކެއްވެސް ކުރަން ޖެހޭނެ އެވެ. އެކަމަކު މިހާރު މި ދެ ބާވަތް އެ ހުރީ އާއްމުކޮށް ބާޒާރުގައި ހުންނަ އަގުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.