އައިސްޕްލާންޓެއްގެ އިތުރުން، ބޭރުގެ އެހީގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަޝްރޫއު ވެސް ކަނޑައެޅިފައިވާ ތަރުތީބުން ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
މަސްވެރިކަމަށް މަޝްހޫރު މ. މުލަކަށް ޒަމާނުއްސުރެ ކޮންމެހެން ބޭނުންވެފައިވާ މުހިންމު މަޝްރޫއުތަކެއް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
މ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ މުލަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ މިއަދު ސޮއި ކުރެވުނު 30 ޓަނުގެ އައިސްޕްލާންޓަކީ އެ ރަށުގެ މަސްވެރިކަމުގެ ތަރައްގީއާ ގުޅިފައިވާ އިންގިލާބީ މަޝްރޫއުއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އައިސްޕްލާންޓެއްގެ އިތުރުން، ބޭރުގެ އެހީގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަޝްރޫއު ވެސް ކަނޑައެޅިފައިވާ ތަރުތީބުން ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
"ވަރަށް ގާތުން ސަރުކާރުން ދަނީ ބަލަމުން. ދާދި އަހަށް ފެށިގެން ކުރިއަށް ގޮސް ނިންމާލަދޭނަން. އެއްވެސް ފައިސާގެ ކަހަލަ މައްސަލައެއް ދިމާނުވެ މަސައްކަތްތައް ނިމޭނެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މަސައްކަތްތައް ފެށުން،" ރައީސް ވިދާޅުވި އެވެ.
"މި ދެ މަޝްރޫއުގެ ސަބަބުން މި ރަށަށް އަދި މި އަތޮޅުގެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް އަންނާނެ."
އެސްޓީއޯ ރޭޓުގައި ކޮންމެ އަތޮޅަކުން އެއް ރަށުގައި ތެޔޮ ވިއްކަން ފެށުމުގެ ވައުދުގެ ދަށުން، މ. އަތޮޅުގައި އެ ހިދުމަތް ދޭން ކަނޑައަޅާފައިވަނީ މުލަކުގައި ކަމަށް އެ މަނިކުފާނު މިރޭ އިއުލާނުކުރެއްވި އެވެ.