ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން، އަންނަ އަންގާރަ ދުވަހު ފެށޭ އދ.ގެ އާންމު މަޖިލީހުގައި އިއުލާނުކުރާނެ ކަމަށް ފްރާންސްގެ އިތުރުން ޕޯޗުގަލް އިން ވެސް ވަނީ ބުނެފަ އެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައިވާ ކަމަށް، އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިއާ އަދި ކެނެޑާއިން ވެސް އިއުލާނުކޮށްފި އެވެ.
"ފަލަސްތީނާއި އިޒްރޭލު ރައްޔިތުން ސުލްހަޔަށް ކުރާ އުންމީދު ދިރުވުމަށާއި ދެ ދައުލަތުގެ ހައްލު ހޯދައިދޭން ކުރާ މަސައްކަތުގައި މިއަދު އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފިން،" އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވި އެވެ.
މިކަން އިއުލާނުކުރައްވާފައި މި ވަނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުމަކަށް ނުގެންނަ ނަމަ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް މިދިޔަ ޖުލައި މަހު އިއުލާނުކުރެއްވުމަށް ފަހު އެވެ.
އިނގިރޭސިވިލާތުގެ އެކަން އިއުލާނުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ކެނެޑާ އާއި އޮސްޓްރޭލިއާއިން ވެސް ހަމަ އެގޮތަށް ނިންމި ކަން އިއުލާނުކޮށްފި އެވެ.
އޮކްޓޯބަރު 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތަކުގައި 65،000 ވުރެ ގިނަ މީހުން ޝަހީދުވެ، މުޅި ޣައްޒާ ވަނީ ސުންނާފަތިވެފަ އެވެ.
ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްގެން، ފަލަސްތީނުގެ ރައްޔިތުން ބަނޑަށްޖައްސައިގެން، ނަސްލު ހޭދަކުރުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާކަމަށް ބައިނަލްއަގުވާމީ އިދާރާތަކާއި ޖަމިއްޔާތަކުން ކެނޑިނޭޅި ބުނަމުންދާއިރު، އިޒްރޭލަށް ތާއީދުކޮށްގެން ތިބި ގިނަ ގައުމުތަކަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ހާއްސަކޮށް ވިލާތުގެ ގިނަ ގައުމުތަކުން ކުރަމުން އައި ތާއީދު ވަނީ ފަނޑުވާން ފަށައިފަ އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން، އަންނަ އަންގާރަ ދުވަހު ފެށޭ އދ.ގެ އާންމު މަޖިލީހުގައި އިއުލާނުކުރާނެ ކަމަށް ފްރާންސްގެ އިތުރުން ޕޯޗުގަލް އިން ވެސް ވަނީ ބުނެފަ އެވެ.