"މި އެއްބަސްވުމުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އެމްއޭސީއެލުން މިރަށުގައި ތަރައްގީކުރާނެ. މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަސްތެރޭގައި މި އެއާޕޯޓުގެ މަސައްކަތް ނިންމާ ތިބޭފުޅުންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވ

ފ. ނިލަންދޫގައި އެއާޕޯޓް އެޅުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްއޭސީއެލް) އާ މިރޭ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ޖައްސާގަ އެވެ.
ފ. ނިލަންދޫގައި އެއާޕޯޓު އެޅުުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދާ އެއްގޮތަށް، 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްގީ ކުރާ އެއާޕޯޓް ވެގެންދާނީ އެންމެ ޒަމާނީ ފެންވަރުގައި ތަރައްގީ ކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ސިވިލް އިންފްރާސްޓްރަކްޗާގެ ހުރިހާ މަސައްކަތެއްގެ އިތުރުން ތަން އޮޕަރޭޓް ވެސް ކުރާނީ އެމްއޭސީއެލް އިން ކަމަށެވެ.
"މި އެއްބަސްވުމުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރުގެ އެއާޕޯޓެއް އެމްއޭސީއެލުން މިރަށުގައި ތަރައްގީކުރާނެ. މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަސްތެރޭގައި މި އެއާޕޯޓުގެ މަސައްކަތް ނިންމާ ތިބޭފުޅުންނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިލަންދޫ އެއާޕޯޓަކީ އެ ރަށުގެ އިތުރުން މުޅި ފ. އަތޮޅުގެ ތަރައްގީއަށް ވެސް މުހިންމު ތަނެއް ކަމަށެވެ.