"މީގެ ތެރޭގައި ނުގަވާއިދުން އުޅޭ މީހުން ޑީޕޯޓް ކުރަނީ ވެސް ކުރީގައި ނަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8609 މީހުން ޑީޕޯޓުވެސް ކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ބައޯމެޓްރިކް ޑާޓާ އެއްކުރުމަށް ހޯމް މިނިސްޓްރީން ފަށާފައިވާ އޮޕަރޭޝަން "ކުރަނގި"ގެ ދަށުން 178982 ބިދޭސީންގެ މައުލޫމާތު މިހާތަނަށް އެއްކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ މި އޮޕަރޭޝަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ފޮޓޯއާއި 10 އިނގިލީގެ ނިޝާން ފަދަ މައުލޫމާތުތައް ނަގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވާއިދަށް ފެއްތުމުގެ މަސައްކަަތް ދަނީ ކުރަމުންނެވެ.
މި އޮޕަރޭޝަނާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް ހާމަކުރައްވާފައި ވަނީ މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކުރެވިފައިވާ ކަމެއް ނޫން ކަމަށެވެ.
"އެބަ އެނގޭ އެހެންވީމާ ރާއްޖޭގައި ދެލައްކައެއްހާ ބޭރު މީހުން އުޅޭކަން، މިއޮއްހާ ދުވަސްވީއިރުގަ ނޭންގެ މިކަމެއް. ދެން މީގެ ތެރޭގައި ނުގަވާއިދުން އުޅޭ މީހުން ޑީޕޯޓް ކުރަނީ ވެސް ކުރީގައި ނަމަކަށް. އެހެންނަމަވެސް އަޅުގަނޑުމެން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8609 މީހުން ޑީޕޯޓުވެސް ކޮށްފިން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެމީހުންގެ ރެކޯޑު އެއްކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. މިހާތަނަށް އެކަމުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ބަންދުކޮށް، ޑީޕޯޓް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މާދަމާ މުޅި ރާއްޖޭގައި ފަށާނެ ކަން ވެސް ރައީސް މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މި އޮޕަރޭޝަނުގެ ދަށުން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި، ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"މީގެ ސަބަބުން ވެސް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމަށް ހުންނަ ފުރުސަތުތައް، ހައްގު ފުރުސަތުތައް އަނބުރާ ހޯދައިދިނުން. އެއީ ދިވެހި ރައްޔިތުންގެ ވިޔަފާރީގެ ފުރުސަތުތައް. އެ ފުރުސަތުތަކުގެ ތެރެއިން މި ވަންނަނީ ނުގަވާއިދުން އުޅޭ ބޭރު މީހުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައި ވަނީ ބޭރު މީހުން އެގޮތަށް ވިޔަފާރި ކުރަނީ ކޮންމެވެސް ވަރަކށް ދިވެހިން ފުރުސަތު ދޭތީ ކަމަށެވެ. އެކަން އެގޮތަށް ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.