ލަންކާގެ ޓޫރިޒަމް ބޯޑުން ކުރިން ބުނީ ތިން މިލިއަން ޓޫރިސްޓުން އަންނާނެ އެވެ. މިހާރުގެ އަދަދަކީ 2.6 މިލިއަން މީހުންނެވެ.
އަވަށްޓެރި ސްރީލަންކާ އަށް މިއަހަރު ޓޫރިސްޓުން އަންނާނެ ކަމަށް ބުނި އަދަދު ދަށްކޮށް އިއުލާނުކޮށްފި އެވެ.
ލަންކާގެ ޓޫރިޒަމް މިނިސްޓްރީން ކުރިން އަންދާޒާ ކޮށްފައިވަނީ މި އަހަރު ތިން މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 2.6 މިލިއަނަށް ދަށްކޮށްފަ އެވެ.
ލަންކާގައި އޮތް ޓޫރިޒަމް އިވެންޓެއްގައި އެ ގައުމުގެ ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) ގެ ޗެއާމަން ބުޑިކާ ހެވާވަސަމް ވިދާޅުވި ގޮތުގައި ޓޫރިސްޓުން އަންނަ އަދަދު އަލުން ރިވައިސް ކުރިނަމަވެސް މިހާރު އަންނާނެ ކަމަށް އަންދާޒާ ކުރާ އަދަދަކީ ވެސް އެ ގައުމަމަށް މޮޅެކެވެ.
ލަންކާއަށް އަންނަ ޓޫރިސްޓުންގެ އަދަދު ރިވައިސް ކުރިއިރު އެ ގައުމަށް މިދިޔަ އަހަރު ޓޫރިސްޓުން އައި ބައެއް ގައުމުތަކުން އައި މީހުންގެ އަދަދު ދަށެވެ. ރާއްޖެ ވެސް ހިމެނެނީ އެ ގައުމަށް އެންމެ ގިނައިން ޓޫރިސްޓުންގެ ގޮތުގައި މީހުންދާ 10 ގައުމުގެ ތެރޭގަ އެވެ. އަދި އެ ގައުމަކީ ރާއްޖޭގެ މަތީ ފަންތީގެ ޓޫރިޒަމްގެ ކުރިއެރުމުގެ ފައިދާ އެންމެ ބޮޑަށް ނަގާ އެއް ގައުމެވެ. އެ ގައުމުގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިން އިން ދަނީ މި ފުރުސަތުގެ ބޭނުން ހިފަމުންނެވެ. އަދި ރާއްޖެ އަންނަ ގިނަ އެއާލައިންތަކުގެ އެޖެންޓުކަން ކޮންޓްރޯލް ކުރަނީ ވެސް ލަންކާ މީހުންނެވެ.