"މާލޭގައި އުޅޭ މީހެކޭ، އެންމެ ދުރުގަ، ކުޑަރަށެއްގަ އުޅޭ މީހެކޭ ހަމަހަމަވީ މިހިސާބުން. އަޅުގަނޑުގެ ކުރިމަތީގައި، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަދި އަޅުގަނޑު އަމަލީ ގޮތުން ތަންފީޒު ކުރާ ފަލްސަފާއަކީ ވެސް ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެކޭ
ސަރުކާރުމް ތަންފީޒު ކުރަން ބޭނުންވާ ސިޔާސަތަކީ ހުރިހާ ރަށެއްގައި ވެސް އެންމެ މަތީ ފަންތީގެ ހިދުމަތްތައް ލިބޭނެ ގޮތް ހައްދައިދެއްވައި، ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވަނީ އެރަށުގައި ޕާސްޕޯޓް އަދި އައިޑީކާޑުގެ ހިދުމަތް ފަށާފަ އެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެއާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި އައިޑީކާޑުގެ ހިދުމަތް ލިބޭނެކަން އިއުލާނު ކުރައްވާފަ އެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި ޕާސްޕޯޓްގެ ހިދުމަތް ލިބޭނެކަން ވެސް ފާހަގަކުރެއްވި އެވެ.
މިކަންކަން ކުރާ ސަބަބަކީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ގާއިމް ކުރުމަށް ކަމަށެވެ. މީގެ ކުރިން މާލެއަށް ހިދުމަތް ހޯދަން އަންނަން ޖެހޭ ޖެހުން ނިމުމަކަށް އަންނަމުންދާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމް ކުރުމުގެ މަޝްރޫއަކީ ވެސް އެ ސިޔާސަތުގެ ދަށުން ކުރައްވާ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
"މާލޭގައި އުޅޭ މީހެކޭ، އެންމެ ދުރުގަ، ކުޑަރަށެއްގަ އުޅޭ މީހެކޭ ހަމަހަމަވީ މިހިސާބުން. އަޅުގަނޑުގެ ކުރިމަތީގައި، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަދި އަޅުގަނޑު އަމަލީ ގޮތުން ތަންފީޒު ކުރާ ފަލްސަފާއަކީ ވެސް ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެކޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނީ ބައެއް މީހުން މަލާމާތް ވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންޖެހިފައި ތިބި މީހުންނަށް އޭގެ މުހިންމުކަން އިހުސާސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ބޮޑެތި ހަރަދުތަކެއް އެބަ ސަލާމަތްވޭ އާންމު ރައްޔިތުންގެ ޖީބަށް، ލުއިތައް ލިބޭ އެބަ. ދަތުރުކުރުމުން ފާއިތުވާ ވަގުތުތައް، އެއާއެކީގަ ތަހައްމަލް ކުރަން ޖެހޭ އެކިކަހަލަ އިންކޮންވީނިއަންސްތައް އުދަގޫތަކުން ސަލާމަތްވޭ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ވެސް އެކިއެކި އެހެން ހިދުމަތްތައް ރަށްރަށުގައި ގާއިމް ކުރަމުންދާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.