ވީއައިއޭ ޓާމިނަލް އެކެއްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1,230 އަކަމީޓަރު ބޮޑު ތަނެކެވެ. މިތަނުން އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަށް ފުރަން ދާ މީހުންނަށް ހިދުމަތް ދޭން "ކޮވެލި" ލައުންޖުގެ ނަމުގައި ލައުންޗެއް ހުޅުވައިފި އެވެ.
އާ ޓާމިނަލުގެ ޑިޕާޗާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ލައުންޖް ހުޅުއްވައިދެއްވީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފުއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ކުންފުނީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެއާލައިންތަކުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ މައިތަނބު ކަމަށްވާ ޓޫރިޒަމްގެ މައިބަނދައަކީ ދަތުރުފަތުރާއި ދިވެހިންގެ މެހެމާންދާރީ ކަމަށްވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ހުރިހާ ސިނާއަތްތައް ހިފަހައްޓާ ތަނބު ކަމަށެވެ. އެހެންކަމުން އެއާޕޯޓު ތަރައްގީކޮށް ޒީނަތްތެރިކޮށް, ދިވެހި އިގުތިސާދާއި ރާއްޖޭގެ މޫނުމަތި ޕޮޒިޓިވްކޮށް ހިފެހެއްޓުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް ގައުމީ ވަރަށް ބޮޑު ޖިހާދެއް އަދި މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވީއައިއޭ ޓާމިނަލް އެކެއްގެ ދެވަނަ ފަންގިފިލާގައި ހަދާފައިވާ މި ލައުންޖަކީ 1,230 އަކަމީޓަރު ބޮޑު ތަނެކެވެ. މިތަނުން އެއްފަހަރާ 270 މީހުންނަށް ހިދުމަތް ދެވޭނެ އެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަސިންޖަރުންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ލައުންޖުގައި ކުޑަކުދިން ކުޅޭނެ ޖާގައަކާއި ބުފޭ ސާވިސްއަށް ހާއްސަ ތަނެއްގެ އިތުރުން ފެންވަރާލެވޭ ގޮތަށް ހާއްސަ ފެސިލިޓީތައް ހަދާފައިވެއެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޭބީ ކެއާއަށް ހާއްސަ ކޮޓަރިތައް ހިމެނެއެވެ.