ރައީސް އޮފީހުން ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް އުފައްދަވާފައިވާ ކަމަށެވެ.

މީޑިއާ ރެގިއުލޭޓު ކުރުމުގެ ބޭނުމުގައި ތަސްދީގުކޮށްފައިވާ މީޑިއާ ބިލުގެ ދަށުން، މީޑިއާތައް ރެގިއުލޭޓު ކުރާ އާ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސް އުފައްދަވާފައިވާ ކަމަށެވެ.
ގާނޫނުގައިވާ ގޮތުގެ މަތީން، މި ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
އިއްޔެ ތަސްދީގުކުރެއްވި މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ.
މި ބިލު ރައީސް އިއްޔެ ތަސްދީގުކުރައްވާފައިމިވަނީ، އެކަން ނުކުރެއްވުމަށް ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އާއި އިދިކޮޅު އެމްޑީޕީ އަދި ބޭރުގެ އެކި ނޫސްވެރިންގެ ޖަމިއްޔާތަކުން އެ މަނިކުފާނަށް ގޮވާލާފައިވަނިކޮށެވެ.
އެއާ އެކު، އެ ގާނޫނު އުވައިލަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާނެ ކަމަށް އެމްޖޭއޭގެ އިތުރުން އެމްޑީޕީން ވެސް ވަނީ ބުނެފަ އެވެ.