މީޑިއާ ރެގިއުލޭޓު ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

މި ބިލު ރައީސް މިއަދު ތަސްދީގުކުރައްވާފައިމިވަނީ، އެކަން ނުކުރެއްވުމަށް ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އާއި އިދިކޮޅު އެމްޑީޕީ އަދި ބޭރުގެ އެކި ނޫސްވެރިންގެ ޖަމިއްޔާތަކުން އެ މަނިކުފާނަށް ގޮވާލާފައިވަނިކޮށެވެ.

ރައީސް ޑރ. މުއިއްޒު ބިލު ތަސްދީގުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މީޑިއާ ރެގިއުލޭޓު ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. 

މި ބިލު ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެންވަނީ އަމަލުކުރަން ފަށައިފަ އެވެ.

ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ރައީސް އޮފީހުން ބުނީ، މި ގާނޫނުގެ މަގްސަދަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުން ކަމަށެވެ.

އަދި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިން މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވި، މި ގާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އަށް ބަދަލުވީ އެވެ. 

ގާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

މި ބިލު ރައީސް މިއަދު ތަސްދީގުކުރައްވާފައިމިވަނީ، އެކަން ނުކުރެއްވުމަށް ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އާއި އިދިކޮޅު އެމްޑީޕީ އަދި ބޭރުގެ އެކި ނޫސްވެރިންގެ ޖަމިއްޔާތަކުން އެ މަނިކުފާނަށް ގޮވާލާފައިވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.