މި ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ކުރީގެ ސަރުކާރުން ހިންގި ''ގެދޮރުވެރިޔާ'' ސްކީމްގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެ، އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ އިތުރު ތިން ވެރިއެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި އިއުލާނާއި، "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލު" އާ ހިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމުގެ ތުހުމަތު ކަމަށެވެ.
އެ މައްސަލައިގެ ދައުވާކުރަން، ސެޕްޓެމްބަރު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް މި އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށާއި، އެބައިތައް އެކަށީގެންވާ ވަރަށް ތަހުގީގުކުރެވުމުން، ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
އަކްރަމް އާއި އާރިފަކީ އޭރުގެ ސަރުކާރުން ހިންގި "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ.
އޭސީސީން އެދިގެން މި ހަތަރު ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، ފަހުން ވަނީ ދޫކޮށްލައިފަ އެވެ.