ކުރިން މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ މިމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
ހުޅުމާލެ އަކީ ސާފުތަނަކަށް ހެދުމުގެ ގޮތުން އެޗްޑީސީ އިން އިސްނަގައިގެން ކުރިއަށްގެންދާ ގޮނޑުދޮށާއި މޫދު ސާފުކުރުން އިވެންޓް ފަސްކޮށްފި އެވެ.
ކުރިން މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ މިމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެ އިވެންޓް ފަސްކުރީ، ގިނަ ބައެއްގެ ޝައުގުވެރިކަން މި ހަރަކާތަށް ފާޅުކުރުމުން، އެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުންޏެވެ.
މި ޕްރޮގުރާމުގެ މަގްސަދަކީ، އެޗްޑީސީން ބުނި ގޮތުގައި ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމެވެ.
އެޗްޑީސީން ބުނީ މި މަހުގެ 27 ވަނަ ދުވަހު ކުރިއަށްގެންދާ މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހެނދުނު، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުން ކަމަށެވެ. އެގޮތުން، ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެޗްޑީސީގެ އަމާޒަކީ، ކުރިއަށް އޮތް އަހަރު، މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމެވެ.
މި ހަރަކާތާ ގުޅުވައިގެން، ތިމާވަށްޓައް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ "މަންސަ" ޕްރޮގުރާމް އެ ދުވަހުގެ ރޭގަނޑު އޮންނާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެ އެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.