ބޮޑު ކަންނެލި ގަތް އަދަދު އިތުރު | އެކްސްޕޯޓް ބޮޑު ތަނުން ދަށް

މި އަހަރު ޖުލައިގެ ނިޔަލަށް ކުންފުނިތަކަށް 7,894.1 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި ގަނެފައިވެ އެވެ. ނަމަވެސް މީގެތެރޭން އެކްސްޕޯޓް ކުރީ 5,212.3 މެޓްރިކް ޓަނުގެ ބޮޑު ކަންނެއްޔެވެ.

ދޯންޏަކަށް ބޮޑު ކަންނެއްޔެއް ނަގަނީ -- ފޮޓޯ މަސްވެރިން އެމްވީ

މިދިޔަ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭން މަސް އެކްސްޕޯޓް ކުރި މިންވަރު ހުރީ ބޮޑުތަނުން ކުރީގަ އެވެ. މަސްވެރިކަން ރަނގަޅު ކޮށެވެ. އެހެންވެ ކަޅުބިލަ މަސް ގަތް މިންވަރު ވެސް އިތުރެވެ. ނަމަވެސް ބޮޑު ކަންނެލީގެ ހިސާބުތަކުން ފެންނަނީ ކަންބޮޑުވާ ދަށް ވުމެކެވެ. ކަޅު ބިލަމަހުގެ އެކްސްޕޯޓް ޖުލައިގެ ނިޔަލަށް ވަނީ ބޮޑުތަނުން ދަަށްވެފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިކޮނޮމިކް ޑާޓާތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 52,763.9 މެޓްރިކް ޓަނުގެ މަސް ރާއްޖޭން އެކްސްޕޯޓް ކުރިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި މަހުގެ އެކްސްޕޯޓް ހުރީ 27,950.6 މެޓްރިކް ޓަނުގަ އެވެ. އެހެންވެ މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 80 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ. 

މި މުއްދަތުގައި ރާއްޖޭން އެކްސްޕޯޓް ކުރި މަހުގެ ތެރޭގައި ބޮޑު ކަންނެލި ހިމެނެނީ 5,212.3 މެޓްރިކް ޓަނެވެ. މިދިޔަ އަހަރު 5,763.1 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި އެކްސްޓްކޮށްފައިވެ އެވެ. އެހެންވެ މިއީ ދެ އަހަރު އަޅާކިޔާނަމަ ނުވަ ޕަސެންޓުގެ ދަށްވުމެކެވެ. ބޮޑު ކަންނެލީގެ އެކްސްޕޯޓް ދަށްވިނަމަވެސް ކުންފުނިތަކަށް މަސް ގަތް އަދަދު އިތުރެވެ. މި އަހަރުގެ ޖުލައިގެ ނިޔަލަށް 7,894.1 މެޓްރިކް ޓަނުގެ ބޮޑު ކަންނެލި ކުންފުނިތަކަށް ގަނެފައިވެ އެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 6,489.6 މެޓްރިކް ޓަނުގަ އެވެ. 

އެމްއެމްއޭ އިން ބުނި ގޮތުގައި ޖުލައިގެ ނިޔަލަށް އެކްސްޕޯޓް ކުރި މަހުގެ ތެރޭން 47,902.2 މެޓްރިކް ޓަނުގެ މަހަކީ ފިނިކުރި މަހުގެ ގޮތުގައި ތައިލެންޑަށް ރާއްޖޭން އެކްސްޕޯޓް ކުރި މަހެވެ. އަދި މީގެތެރޭގައި ކަޅުބިލަ މަހުގެ ނިސްބަތަކީ 42,588.4 މެޓްރިކް ޓަނެވެ.

ފިނިކުރި މަހުގެ ގޮތުގައި ރާއްޖޭން އެކްސްޕޯޓް ކުރި މިންވަރު މަތިވިނަމަވެސް ވެލިއުއެޑްކޮށްގެން ދަޅުމަހާއި ޕައުޗުގެ ގޮތުގައި ރާއްޖޭން އެކްސްޕޯޓް ކުރި މިންވަރު ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ވެލިއުއެޑްކޮށްގެން ނުވަތަ އަގު އެއްކޮށްގެން ރާއްޖޭން 3,752.0 މެޓްރިކް ޓަނުގެ އުފެއްދުން އެކްސްޕޯޓް ކުރި އެވެ. މި އަހަރު މި އަަދަދު ހުރީ 3,536.0 މެޓްރިކް ޓަނުގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.