ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް އެ ބިލު ބޭރުކޮށްލުމަށް ގޮވާލާފައިވާ އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.

މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި، 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް، ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި އެވެ.
ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް އެ ބިލު ބޭރުކޮށްލުމަށް ގޮވާލާފައިވާ އެ ޕެޓިޝަނުގައި 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.
ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މިއަދު ބޭއްވި ޕެޓިޝަން ކޮމެޓީ ބައްދަލުވުމުގައި، މި ޕެޓިޝަން ބޭރުކުރަން ހުށަހެޅީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ. އެ ހުށަހެޅުން ފާސްކުރީ އެ ކޮމެޓީގައި ތިއްބެވި ޕީއެންސީ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށްފަހު އެކުލަވާލާ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެންބަރުން ވެސް ތިބޭ ގޮތަށެވެ. ނަމަވެސް އެކަންކަން ބަދަލުކޮށް، އެޓާނީ ޖެނެރަލް އޮފީހުން ވަނީ 15 އިސްލާހެއް މި ބިލަށް ހުށަހަޅާފަ އެވެ.
އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު އިއްޔެ ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބިލު ފާސްކޮށްފަ އެވެ. އެ ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ ބައްދަލުވުން އޮތް ތަނުގައި ނޫސްވެރިން އަޑުގަދަކޮށް، އިހުތިޖާޖެއް ކުރަމުން ދަނިކޮށެވެ. ވޯޓަށް އެހުމުން ތަން ހޫނުވެ، މެދުކަނޑާލަން ވެސް ޖެހުނެވެ. މި ބިލު ފާސްކޮށްފައި ވަނީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.
އޭޖީ އޮފީހުން ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް މާއްދާކަމަށްވާ، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިވެ އެވެ.
މި ބިލު ފާސްކުރަން މިއަދު ވެސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާއިރު، ނޫސްވެރިން ދަނީ މަޖިލީސް ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ. އެ ޖަލްސާ އޮންނަ ގަޑިއެއް އަދި އެޖެންޑާއެއް ވެސް ހާމައެއް ނުކުރެ އެވެ.