އޮޕަރޭޝަންސް ޑައިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެ އެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމަށް ފާތިމަތު ފާރިހަތު ވަހީދު އައްޔަންކޮށްފި އެވެ.
އެސްޑީއެފްސީ އިން ބުނީ އޮޕަރޭޝަންސް ޑައިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެ ކަމަށެވެ.
އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން، ފާރިހަތު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑު ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސްގެ މަގާމު ފުރުއްވާފަ އެވެ. ބޭންކިން އަދި ފައިނޭންޝަލް ސާވިސަސް ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާރިހަތު ވަނީ، ހެޑް އޮފް ކާޑު ޕޭމަންޓްސް އެންޑް ގަވަނަންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައް ފުރުއްވާފަ އެވެ.
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވަނީ އެ ކުންފުނީގެ ލީޑާޝިޕް ޓީމާ ފާރިހަތު ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވާފަ އެވެ.
"ފައިނޭންޝަލް ސާވިސަސް، ސްޓްރެޓެޖިކް ޗޭންޖް މެނޭޖްމަންޓް، އަދި މުހިންމު ޕާޓްނާޝިޕްތައް ބެލެހެއްޓުމުގައި ފާރިހަތު ހޯއްދަވާފައިވާ ތަޖުރިބާ، އަޅުގަނޑުމެންގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.
ފާރިހަތު ވަނީ މޮނާޝް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފަ އެވެ. އަދި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސްއިން ޗާޓަޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ހާސިލުކުރައްވާފައިވެ އެވެ.