ގަތަރުގެ ދަތުރުފުޅަށްފަހު ރައީސް އެނބުރި މާލެ ވަޑައިގެންފި

ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށްދިޔަ އަރަބި - އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސް ވަނީ ތަގުރީރުކުރައްވާފަ އެވެ.

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގަތް ގައުމުތަކުގެ އިސްވެރިން --

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށްދިޔަ އަރަބި - އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސް ވަނީ ތަގުރީރުކުރައްވާފަ އެވެ. އެ މަނިކުފާނުގެ ތަގުރީރުގައި، އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމުގައި ސިފަކުރެއްވި އެވެ. 

އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާން ޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ގަތަރުގެ ސަރުކާރާއި އުހުވަތްތެރި ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދެއްވައި އެގޮތުގައި ދެމިއޮންނާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

މި ސަމިޓްގެ ހަވާސާގައި ރައީސް ވަނީ އެ ގައުމުގެ އަމީރު، ހިޒް ހައިނަސް ޝައިހު ތަމީމް ބިން ހަމަދު އަލްސާނީއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އިސްރާއީލުން ގަތަރަށް ދާދި ފަހުން ދިން އުދުވާނީ ހަމަލާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން އެ ގައުމުގެ ސަރުކާރާއި، ރައްޔިތުންނާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

މި ސަމިޓަކީ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން އެއްވެ، އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، ބައިނަލްއަގްވާމީ ގާނޫނުތައް ހިފެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް މުސްލިމު އުއްމަތުގެ ގައުމުތަކުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި އިއްވައި، ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.