ހަރު މީހުންނަށް ގައުމުގެ ކަންކަން ހައްލުނުކޮށްދެވޭތަން އެ މީހުންނަަށް ފެނުނެވެ. ދަނޑިވަޅު ބަލައި އެ މީހުން ހަތިޔާރަކަށް ނެގީ އާޖީލުގެ ޒުވާނުންނެވެ. އެ ސިކުނޑިތަކަށް ތެޔޮ ޖަހާލުން ނުކުމެ ގައުމު ރޯކޮށް 20 އަހަރު ފަހަތަށް ގެންދިޔަ އެވެ.
ޓިއުނީޝިއާ އަށް ނުވަތަ ތޫނިސްއަށް ދުވަހަކީ ހޫނު މޫސުގެ ރީތި ދުވަހެކެވެ. އަަހަރު ނިމި މުޅިން އާ އަހަރަކަށް އަލިވިލެން އުޅޭތީ ތޫނިސް ދިޔައީ ތައްޔާރުވަމުންނެވެ. ދިގުލީވެރިކަމާއި ވެރިންގެ ކިބައިގައި ހުރި ނޭއްގާނީ ކަންތައްތަކާ ހެދި އަރަބި އެހެން ގައުމުތަކެކޭ އެއްގޮތަށް ތޫނިސްގައި ވެސް ނުތަނަވަސްކަން އޮތެވެ. އިހުތިޖާޖުތައް އެ ދުވަސްވަރުވެސް ކުރަމުން ދިޔަ އެވެ. އެކަމަކު މި ހިޔާލު ފާޅުކުރުން ތަކުން ކުއްލިއަކަށް ބޮޑުކަމެއް ފާޅުވި އެވެ. ޑިސެމްބަރު 17، 2010 ގެ ހެނދުނުގެ ވަގުތެއްގައި ތޫނިސްގެ ރައްޔިޔެއް ކަމަށްވާ މުހައްމަދު ބައުއަޒީޒީ އަމިއްލަ ގައިގައި ރޯކޮށްލި އެވެ. ފުލުސް މަރުކަޒެއްގެ ކުރިމަތީގައި ހިންގި މި ހާދިސާއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އެއަށްފަހު މާގިނަ ދުވަހެއް ނުވެ އޭނާ މަރުވި އެވެ. މި މަރާއެކު ތޫނިސްގެ ޒުވާން އާބާދީ މަގުތަކަށް ނުކުމެ ހަމަނުޖެހުންތައް ފެށި އެވެ. މިކަން ހޫނުވެ ފުލުހުން ބަޑިޖެހި އެވެ. ދެން ފެނުނީ ތޫނިސް ތެރެއިން ހަތިޔާރު ނަގައި ވެރިކަމާ ދެކޮޅަށް ދާހިލާ ހަނގުރާމައެއް ފެށިތަނެވެ. ހަނގުރާމަވެރި ޖަމާއަތްތައް ގައުމުން ނުކުތް ތަނެވެ. ކުރީގައި ތިބީ މުޒާހަރާ ކުރާ ޒުވާނުންނެވެ. އޭގެ ފަހަރުގައި ތިބީ ހަތިޔާރު ލިބޭނެ މަގުތައް ނޭނގޭ ބައެކެވެ. މި މުޒާހަރާތަކާއެކު އެންމެފަހުން ވެރިކަން ބަދަލު ކުރި އެވެ. އެކަންވީއިރު ގަރުނެއްގެ މަސައްކަތުން ބިނާކުރި ތޫނިސް އޮތީ ވީރާނާކޮށް ހަރާބުކޮށްލި ބޮޑު ލޭއޮހޮރުވުމުގެ ފެށުމަކަށެވެ. މިއީ މަޝްހޫރު "އަރަބް ސްޕްރިންގް" ފެށުމެވެ.
ތޫފާނެއްގެ ބާރު ރޯޅިއެއް އަރައިގެން ދާހެން ދިޔަ މި މޫވްމެންޓުގައި ފަހަރަކު އަރަބި ގައުމެއްގެ ވެރިކަން ބިނާ ހަމަކޮށް ގައުމު ކުދިކުދި ކޮށްލި އެވެ. މުސްލިމް ލީޑަރު އިރާގުގެ ސައްދާމު ހުސެއިންގެ ވެރިކަން ދަނޑިވަޅު ބަލައި އެމެރިކާ ސިފައިން ބަދަލުކޮށް އަލްހާ އީދު ދުވަހު ސައްދާމް ދަންޖައްސާ ޝަހީދުކޮށްލި އެވެ. ލީބިއާގެ ގައްޒާފީގެ ވެރިކަން ވައްޓާލައި އޭނާ އަވަހާރަކޮށްލި އެވެ. ޔަމަނު ވަރުގަދަ ތާރީހު ކުދިކުދި ކޮށްލައި މުސްލިމުންގެ ދާރުލް އާސާރުތައް ފުނޑާލައި ލޫޓުވާލި އެވެ. މި ހުރިހާ ޕްލޭންތަކެއްގެ އަޑީގައި އޮތީ ހުޅަނގާއި އެމެރިކާގެ ސީއައިއޭ އަދި ޔަހޫދީ ދައުލަތުގެ ޖާސޫސީ އިދާރާ މޮސާޑުކަން ފަހުން އެނގުނެވެ.
މިހާރު އޭޝިއާ އިން ވެސް މި ފެންނަނީ މީގެ ބައެއް ކަމަށް އުޅަނދުގެ ތަޖުރިބާކާރުން ވެސް ވަނީ ބުނަން ފަށާފަ އެވެ. އިންޑިއާގެ ތިންކް ޓޭންކް ނުވަތަ ގައުމީ ކަންކަމާމެދު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިހާރުގެ މޫވްމެންޓްއަކީ ދުރާލާ ކުރަހައިގެން ހިންގާ ވަރުގަދަ އަމަލުތަކެވެ. މި މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއަކީ އޭޝިއާ ފަހަތަށް ޖައްސާލުމެވެ. މީގެ މޮޅެއް ކަމަށް އެމެރިކާއިން ދެކެނީ ޗައިނާގެ ކުރިއެރުން ހިފަހައްޓާނެ ރޮކެޓެއް ހޯދުމެވެ.
މި މަގުން ގޮސް ފުރަތަަމަ ހަލާކުކޮށްލީ ސްރީލަންކާ އެވެ. ލަންކާގަ ދަރަނި އޮތެވެ. އިގްތިސޯދީ ގޮތުން މައްސަލަތައް ހުއްޓެވެ. ގައުމުގެ ވެރިން ގޯސްތައްވެސް ހަދަމުން ދިޔަ އެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގެ މާލީ ތަޖުރިބާކާރުން އާބާދީގެ ނިސްބަތުން ގިނަ ލަންކާ އިގްތިސޯދު ކުޑަކަކޫ މައްޗަށް ތިރިކޮށްލީ ކްރިސްޓިއަނުންގެ އީދަކާ ދިމާކޮށް ދިން ބޮމުގެ ހަމަލާއެއްގެ ސަބަބުންނެވެ. މި ހަމަލާގެ ސަބަބުން ޓޫރިސްޓުން އައުން ހުއްޓި، މުޅި ނިޒާމުއެއްކޮށް ހަލާކުގެ ލަންކާގެ ބަނގުރޫޅުވިކަން އިއުލާނު ކުރަން މަޖުބޫރުވި އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ހަމަލާގެ ފަހަތުގައި އޮތީ ހުޅަނގާއި އެމެރިކާގެ ސީއައިއޭ އެވެ. އިގްތިސޯދީ ފުނޑާލައި ޒުވާނުން ނެރެގެން އެ ގައުމުގެ މުޅި ނިޒާމުއެއްކޮށް ހަލާކުކޮށްލައި 20 އަހަރު ފަހަތަށް ގެންދިއުމުގެ ކަރުދާހުގެ ރޭވުންތަކާއި އަމަލީ ކުރެހުންތައް ފަރުމާކުރީ އެމީހުންނެވެ. މިހާރުގެ ލަންކާގެ ރައިީސް ވަޑައިގެން އަލުން ލަންކާގެ ކުޅިބައި ރާވާން އުޅުއްވިނަމަވެސް އެކަން ފަސޭހަ ކަމަށް ނުވެ އެވެ. އައިއެމްއެފުގެ އެހީގެ ޕެކޭޖެއް ނަގައިގެން ހަރަދު ކުޑަކޮށްގެން އެ ދަރަނި ދައްކާނެ ގޮތެއް ވިސްނުން ނޫން ކަމެއް ކުރާކަށް އަދި ވެސް އެ ރައީސަކަށް ވެސް ފުރުސަތެއް ނުލިބެ އެވެ.
ހޮޅި ވާހަކަ ދެއްކިދާނެ އެވެ. މޮޅެތި ސްޓޭޓަސް ޖެހިދާނެ އެވެ. އަދި ޖަޒުބާތުގައި މި ބާވަތުގެ ކަންކަމަށް ހިތްވަރު ވެސް ދެވިދާނެ އެވެ. އެކަމަކު ހަގީގަތަކީ އޭޝިއާގަ މިހާރު ފެންނަ މި މަންޒަރުގެ އަނެއް ފަރާތުގައި ފޮރުވިފައ އޮތީީީީ ހުޅަނގާއި އެމެރިކާގެ ނުބައި ރޭވުންތައް ކަމެވެ. އޭޝިއާގެ އާބާދީ ބޮޑެވެ. ޒުވާން ގިނަ އެވެ. ޔޫރަޕު މުސްކުޅި އެވެ. މީގެ ނަތީޖާއަކީ ޔޫރަޕަށް އޭޝިއާ އަށް އަތް ނުފޯރާ ވަރަށްވުރެ ދުވެލި ބާރުވެފައިވުމެވެ. އެހެންވެ އެ މީހުން މި ދުވެލި މަޑުކުރާނެ އުޅުޅުތައް ހޯދަން ފެށި އެވެ. މި ހޯދުންތަކުގެ އަލީގަ ފެނުނީ އޭޝިއާ ސަރަހައްދުގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހުރި ނޭއްގާނީ ކަންކަމުން ފައިދާ ނެގުމެވެ. އޭޝިއާގެ ނިޒާމުތަކުގައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ ލޯވަޅުތައް ބޮޑުކޮށް ގައުމު ކައްކުވައިގެން ހަލާކުކޮށްލުމެވެ. އެ ކަންކަން ކައްކާލަން އެއަށް އަޅާނެ ތެލެއްގެ ގޮތުގައި އެ މީހުންނަށް ފެނުނީ މި ސަރަހައްދުގެ ޒުވާނުން އާބާދީ އެވެ. އާ ޖީީލުގެ މި ޒުވާނުން ނެރެވިއްޖެނަމަ އެމީހުން ބޭނުންވާ ނަތީޖާއާ ހަމައަށް ދެވޭނެކަން ސީއައިއޭ ޔަގީން ކުރި އެވެ. އެމީހުންގެ ހުރިހާ ދިރާސާއަކުންވެސް ނުކުންނަނީ އެ ނަތީޖާ އެވެ.
އެމެރިކާ އިން އެކަމަށް ތައްޔާރުވާތާ ލައްކަ ޒަމާންވެއްޖެ އެވެ. މި ސަރަހައްދުގެ ގައުމުތަކުން މި ފެންނަނީ އޭގެ ނަތީޖާ އެވެ. ބަންގާޅު އަނދާ އަަޅިއަށް ހަދާލި އެ ރޯޅީގަ އެެވެ. އިންޑޮނޭޝިއާގައި އެވަނީ އެ ހުޅު ރޯކޮށްފަ އެވެ. ނޭޕާލް މިހާރު އެއޮތީ އަނދާ އަޅިއަށް ހަދާޅާފަ އެވެ. ޒުވާނުންގެ ތެރެއިން ގްރޫޕްތައް ތަމްރީންކޮށް ނެރުމެވެ. ފަހަރުން ޒުވާނުން ކޮރަޕްޝަނާ ދެކޮޅަށް ޖަޒުބާތުގައި ނުކުމެ މުޅި ގައުމު އެތައް ދުވަހެއް ފަހަތަށް ގެންދިޔަ އެވެ. އެ ކުދިންގެ މި ޖަޒުބާތު މައިތިރިވެގެން ތަންތަން ސާފު ކުރަން ނުކުތްއިރު ކޯޓުތަކުގައި ހުރި ގޭގެ ރަޖިސްޓްރީތައް ފެންނާކަށް ނެތެވެ. ވިހާމަރުވާ މައުލޫމާތުތައް ހުރީ އަނދާ އަޅިއަށްވެފަ އެވެ. އެ ކުދިންގެ މުސްތަގުބަލަށް އެ ގައުމުގެ ކާބަފައިން ބިނާކޮށްފަ ހުރި އެތައް ބިނާއެއް ހުރީ އަޅިއަށްވެފަ އެވެ. ތާރީހީ ތަންތަނެއް ނެތެވެ.
އެ ގައުމަށް އާމްދަނީ ވަންނަ ދޮރުތައް ވަނީ ބަންދުވެފަ އެވެ. މިއަދު އެ ޒުވާނުން އެ ސާފު ކުރަން ނުކުމެ އެތިބީ ހަނަވަސް ސަހަރާ ތަކެކެވެ. އެއްވެސް މާނައެއް ނެތް ހުސް ބިނާ ތަކެކެވެ. އެއްވެސް ދިރުމެއް މާނައެއް ނެތެވެ. މުޅި ނިޒާމު އެއްކޮށް ހަލާކޮށްލީ ދުރާލާ ރާވާފައިވާ ހީލަތްތެރި ރޭވުމެއްގެ މަތިންނެވެ. ނޭޕާލަށް އެކަނި ބެލިނަމަވެސް އެއޮތީ އަލުން 20 އަހަރު ފަހަތަށް ގެންގޮސްފަ އެވެ. ބަންގާޅުން ވެސް މިއަދު އެ ފެންނަނީ އެ ކަމެވެ. ބަންގާޅުގެ ވިޔަފާރިތައް ހަލާކުވެ އެ ގައުމުގެ ދުނިޔޭގައި އޮތް އަންނައުނުގެ މާކެޓުގެ ބޮޑުބައި ވަނީ ގެއްލިފަ އެވެ. އިގްތިސޯދީ ގޮތުން މި ގެއްލުން ކުރިމަތިވިއިރު ސިޔާސީ ގޮތުން ހަމަޖެހުން ގެނެވޭނެ ގޮތެއް އަދި ވެސް ނުފެނެ އެވެ.
ރާއްޖެ ވަށައިގެން ހިނގާ މިކާރޫބާރޫ ބޮޑު ކަންތައްގަނޑުން ފެންނަނީ އެންމެ ކަމެކެވެ. ރާއްޖެ މިކަމާ ހޭލަންވެއްޖެ އެވެ. ގައުމުގެ ހަރު މީހުން މިކަމާމެދު ވިސްނައި ކަންކަން ހައްލު ކުރަން އަވަސްވާން ވެއްޖެ އެވެ. އެހެންނޫންނަމަ މިރޯޅި ރާއްޖެއަށް ނާންނާނެއޭ ބުނެގެން ނުތިބެވޭނެ އެވެ. ހުޅަނގުގެ މި ކެހިވެރި ދަލުގައި ދިވެހިންވެސް ޖައްސާނެ ދުވަސް ކައިރިވެދާނެ އެވެ.