"މީޑިއާ ބިލު އެޕްލައި ވާނީ ރަޖިސްޓާ ކޮށްފައިވާ ނޫސްތަކަށް އެކަނި"

"ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އަޅުގަނޑު މިދެނީ ޔަގީންކަން، މި ބިލު އެޕްލައި ވާނީ ރަޖިސްޓާޑް މީޑިއާތަކަށް އެކަނި. މިއީކީއެއް ތިބޭފުޅުންނާ ބެހޭކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) --

މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ އެއްގޮތަށް އަމަލުކުރަން ޖެހޭނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ނޫސްމަޖައްލާ / މީޑިއާތަކުން އެކަނި ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

އެ ބިލަށް އެޓާނީ ޖެނެެރަލްގެ އޮފީހުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެ އިސްލާހުތަކުގައި، މީޑިއާގެ ގޮތުގައި މާނަކޮށްފައި އާންމުކޮށް މީޑިއާގެ ގޮތުގައި ބެލެވޭ ޓީވީ، ރޭޑިއޯ، ވެބްސައިޓްތަކާއި، ނޫސްމަޖައްލާތަކުގެ އިތުރުން، ޕަބްލިކޭޝަންސްތަކެވެ. އޭގެ އިތުރުން އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕު ކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުން ތަކަކީ ވެސް މީޑިއާ ކަމަށް މަނާކޮށްފައިވެ އެވެ.

އެހެންކަމުން އޭގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށް ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ދަނީ އެކިފަރާތްތަކުން ފާޅުކުރަމުންނެވެ. 

މި ބިލާ ގުޅޭ ގޮތުން ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަކުރާރުކޮށް މިނިސްޓަރު ވިދާޅުވީ މިއީ ކޮންޓެންޓް ކްރިއޭޓަރުންނާ ނުވަތަ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރާ އެއްވެސް މީހަކާ ގުޅުމެއް އޮތް ބިލެއް ނޫން ކަމަށެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ ޑިޖިޓަލް ސްޓޯރޭޖުގެ ބަޔަކީ ވެސް ވަރަށް ހަނިކޮށް އޮތް އެއްޗެއްކަން މިނިސްޓަރު ވަނީ ސާފުކޮށްދެއްވާފަ އެވެ.

"މިވަގުތު ލައިވް ކުރަމުން މިދާ ކެމެރާގަ އިންނާނެ މެމޮރީ ކާޑު، އެއަށް އެ ރެކޯޑު ކުރަމުން ދަނީ. އެކަމަކު މިތަނުގަ މި އިންނެވި ބޭފުޅާގެ ފޯނުގަ އިންނަ މެމޮރީ ކާޑަކާ މި ބިލަކާ ނެތް ގުޅުމެއް،" މިނިސްޓަރު ސާފުކޮށްދެއްވި އެވެ.

މިނިސްޓަރު އިތުރަށް ތިލަކޮށްދެއްވަމުން ވިދާޅުވީ މި ބިލުގައިވާ ކަންކަން ހިނގާނީ މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވާލުމަށްފަހު އުފައްދާ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތައް އެކަނި ކަމަށެވެ. އިލެކްޓްރޯނިކް މީޑިއާގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެ ނޫސްތަކުން ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ކަމަށެވެ. އެގޮތުން ވަކިވަކި ނޫސްތަކުން ބޭނުންކުރާ ފޭސްބުކް، އެކްސް، އިންސްޓަގްރާމް، ޓެލެގްރާމް ޗެނަލް އަދި ވައިބާ ޗެނަލްފަދަ ޕްލެޓްފޯމްތައް މި ބިލަށް އެޕްލައިވާނެކަން ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އަޅުގަނޑު މިދެނީ ޔަގީންކަން، މި ބިލު އެޕްލައި ވާނީ ރަޖިސްޓާޑް މީޑިއާތަކަށް އެކަނި. މިއީކީއެއް ތިބޭފުޅުންނާ ބެހޭކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މަޖިލީހުން އެ ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.