ޝަންގްރިއް-ލާ ވިލިނގިލި ހުޅުވުމުގެ ގޮތުން ސަރުކާރުން ވަނީ ހިއްސާ 30 ޕަސެންޓް ދޫކޮށްލާފަ އެވެ. މިއީ 142 އެނދުގެ މި ރިސޯޓް ތަރައްގީ ކުރަން 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެ އެވެ.
އައްޑޫ ޓޫރިޒަމްގެ އެންމެ އުންމީދީ މަަޝްރޫއުގެ ގޮތުގައި ހިންގަމުން ގެންދިޔަ ނުހުޅުވި ގިނަ ދުވަސްތަކެއް ވެފައިވާ ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވަން ސަރުކާރުން އެންމެފަހުގެ ފުރުސަތު ދީފި އެވެ.
މިރާއަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވަން ޝަންގްރިއް-ލާ ކުންފުންޏަށް އެންމެ ފަހުގެ ނޯޓިސް ދީފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުންފުންޏަށް ހުޅުވަން ދީފައިވަނީ އެއް މަސް ދުވަހުގެ މުހުލަތެކެވެ. އަދި އޭގެ ފަހުން ސަރުކާރުން ވަނީ މި ރިސޯޓް ޝަންގްރިއް-ލާ ކުންފުނީގެ އަތުން ނެގުމުގެ މަސައްކަތް ފަށަން ނިންމާފަ އެވެ.
ސަރުކާރުން ވަނީ ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ހުޅުވިދާނެ ފުރުސަތަކަށް ބަލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޝަންގްރިއް-ލާގައި އޮތް ސަރުކާރުގެ ހިއްސާވެސް ދޫކޮށްލި އެވެ. ޝަންގްރިއް-ލާ ހުޅުވަން ގިނަ އަޑު ތަކެއް ރައީސް ސޯލިހުގެ ސަރުކާރުގައި އިއްވި އެވެ.
ރައްޔިތުންގެ މަޖިލީހުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް ގަވާއިދުތައް ބަދަލު ކޮށްގެން އެކަންކަން ހިންގާލުމުން ހީވީ ދެންމެ ޝަންގްރިއް-ލާ ހިނގައިގެންފާނެހެނެވެ. އެކަމަކު އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލީ މިދިޔަ އަހަރުގެ އޯގަސްޓް 28 ގަ އެވެ.
އައްޑޫ ރައްޔިތުން އެދެމުން ދިޔައީ ގާވެފައި އޮތް އައްޑޫގެ އެންމެ ބޮޑު އެސްޓް ޝަންގްރިއްލާ ހުޅުވޭނެ ގޮތެއް ހަދައިދިނުމެވެ. ޝަންގްރިއް-ލާގައި އޮތީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އެވެ. އަދި ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ކުންފުނީގަ އެވެ. ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއް-ލާއާއި ގުޅިގެން އައްޑޫ ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. އެކަމު ހިނގަމުން ނުހިނގަމުން ދިޔަ ރިސޯޓުގައި މަރުތަޅު އެޅުވުނީ ކޮވިޑާ ގުޅިގެނެވެ. އެޅުވުނު އެ ތަޅު ނައްޓަން ހިފި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ އެތައް ކަމެއް ބޮނޑިވެ އެކަންކަން އޮތީ ނުވެފަ އެވެ. މި ލިސްޓު އައްޑޫ އެއާޕޯޓުން ފެށިގެން ގައުމީ އެއާލައިންއިން ދޭން ޖެހޭ ހުވަދޫ އައްޑޫ ކަނެކްޝަނާ ހަމައިން ވެސް ނުނިމެނެ އެވެ. މި ސަބަބުތަކާހުރެ ޝަންގްރިއްލާ ވިލިނގިލި 2005 ގައި ހުޅުވިފަހުން ހިންގީ ގެއްލުމުގަ އެވެ.
ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމަށް ޓަކައި ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭ ގޮތަށް ހަދައިފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ދިވެހި ސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ އިންވެސްޓްމަންޓް ހިމެނޭ ހިއްސާގެ އަގު ދެނެގަތުމަށް މިނިވަން ވެލިއުއާ އެއް މެދުވެރިކޮށް ވެލުއޭޝަން ހަދާފައިވެ އެވެ. މިކަން ކޮށްފައި ވަނީ އޯގަސްޓް 2022 ވަނަ އަހަރު އެވެ. ކުންފުނީގެ ހިއްސާގެ އަގު ކުރުމުން އެނގުނު ގޮތުގައި މިގޮތުން ވެލިއުއޭޝަން ރިޕޯޓުން ފާހަގަ ކުރެވުނ،ީ ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު ސަރުކާރުގެ ހިއްސާގެ ޖުމްލަ އަގަކީ 54,316,800.00 މިލިއަން ޑޮލަރެވެ.
ޝަންގްރިއް-ލާ ރިސޯޓް ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.މިދިޔަ އަހަރުގެ ކުރީކޮޅު އޮޕަރޭޝަނަށް ގެންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.