އިޒްރޭލުން މަސައްކަތްކުރަނީ ސުލްޙަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުއުމުގެ އިސްތިގުލާލަށް އަރައިގަތުންކަމަށާއި، އެއީ އަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.
ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ، އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގަ އެވެ.
ފަލަސްތީނުގެ ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާ އެއް ނޫންކަމަށާއި، އެ ޤައުމަށް ޙައްޤުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި އިޒްރޭލުން މަސައްކަތްކުރަނީ ސުލްޙަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލުން ޤަޠަރަށް ދިން އެ ހަމަލާއަކީ، ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމާއި، ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، ޢާންމު ރައްޔިތުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމުގައި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އިޒްރޭލުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުޞަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަޤުވާމީ ޤާނޫނު ހިންގާންވާނީ، ހުރިހާ ދައުލަތެއްގެ މައްޗަށްވެސް، ހަމަހަމަ ގޮތެއްގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށް ވިދާޅުވެ، ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
ރޭވިފައިވާ ސިޔާސީ، އިޤްތިޞާދީ، އަދި ޚާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިޒްރޭލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.
ބޮމުގެ ހަމަލާތައް ހުއްޓުވައި، ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް، ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނޭކަން ފާހަގަކުރައްވައި، ޤާނޫނާއި ޣައިރު ޤާނޫނާއި، އިންސާފާއި ނާއިންސާފާއި، ސުލްޙަ އާއި ނިރުބަވެރިކަމުންކުރެ އިޚުތިޔާރުކުރާނޭ ގޮތްތަކެއް، ދުނިޔެއިން ނިންމަންޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ގެންދަނީ، އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާޢުގައްޔާއި، އިސްތިޢުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤަށް ގޮވާލައި އަޑުއުފުލަމުންނެވެ.
މި ސަމިޓު މެދުވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ޤައުމުތަކުގެ އިސްވެރިން ބައްދަލުކުރައްވައި އިސްލާމީ އުންމަތުގެ އަޑުއުފުއްލަވައި، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށާއި ސަރަޙައްދީ އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ އެވެ.