މިއީ އައި.އޭ.އީ.އޭ. ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.
އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ.) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެ ޖަމުޢިއްޔާއިން މިއަދު ފާސްކޮށްފި އެވެ.
އައި.އޭ.އީ.އޭ. ގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މި ނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ ޢާންމު ބައްދަލުވުމުގަ އެވެ.
މިއީ އައި.އޭ.އީ.އޭ. ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.
އައި.އޭ.އީ.އޭ. ގެ ޖެނެރަލް ކޮންފަރެންސްގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.
އެގޮތުން، އައި.އޭ.އީ.އޭ. ގެ މެންބަރު ޤައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، ޑރ. ސަލްމާ ރަޝީދު ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ތަޤުރީރުކުރައްވާފަ އެވެ.
ސަލްމާ ވަނީ، ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ޙިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަޤުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
އެގޮތުން އޭނާ ވަނީ އައި.އޭ.އީ.އޭ. ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބުމަކީ ޤައުމީ ފެންވަރުގައި ޙާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވައި، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްޤީ ކަށަވަރުކުރުމަށް ކުދި ޤައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަޤުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
މީގެ އިތުރުން އެމްބެސެޑަރ ޑރ. ސަލްމާ ވަނީ އައި.އޭ.އީ.އޭ. އާ ގުޅުމާއެކު، ސިއްޙަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުޞަތުތައް ހުޅުވިގެންދާނެކަންވެސް ފާހަގަކުރައްވާފަ އެވެ.
ރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރު ޤައުމަކަށް ވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރަކަށްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއަރ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެ އެވެ.
އައި.އޭ.އީ.އޭ. އަކީ އަސްކަރީ މަޤްޞަދުތަކަށް ނިއުކްލިއަރ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް 1957 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.