މާދަމާގެ ޖަލްސާގައި މިއަދު ނިންމި ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހަޅައި، އެ ބިލު މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން، މަޖިލީހުގެ ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބާއްވަން ހަމަޖައްސައިފި އެވެ.
އޮކްޓޯބަރާ ހަމައަށް ޗުއްޓީގައި އޮތް މަޖިލީހުން، ދައުރުން ބޭރުގައި މިހާތަނަށް ދެ ޖަލްސާއެއް ވަނީ ބާއްވައިފަ އެވެ.
މިގޮތުން، މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް މިއަދު ބާއްވާފައިވަނީ، ސިވިލް ސާވިސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓު ނެގުމުގެ ބިލު ފާސްކުރުމަށެވެ. މިއަދުގެ ޖަލްސާގައި އެޗްއާރުސީއެމަށް ނައިބު ރައީސަކު އައްޔަނުކުރަން ވެސް ވަނީ ފާސްކޮށްފަ އެވެ.
މިއަދުގެ ޖަލްސާ ނިންމައިލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، މާދަމާ ވެސް ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބާއްވާނެކަމަށް މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ. އަދި ޖަލްސާގެ އެޖެންޑާ ފަހުން އިއުލާނުކުރާނެ ކަމަށް އެ މެސެޖުގައި ބުންޏެވެ.
މަޖިލީހުގެ އިދާރާއިން އެ މެސެޖު ފޮނުވިއިރު، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދިޔައީ މީޑިއާ ބިލު ދިރާސާކުރަމުންނެވެ.
ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށްފަހު އެކުލަވާލާ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ މެންބަރުން ވެސް ތިބޭ ގޮތަށެވެ. ނަމަވެސް އެކަންކަން ބަދަލުކޮށް، އެޓާނީ ޖެނެރަލް އޮފީހުން ވަނީ 15 އިސްލާހެއް މި ބިލަށް ހުށަހަޅާފަ އެވެ.
އޭޖީ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއެކު މިއަދު މި ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ ބައްދަލުވުން އޮތް ތަނުގައި ނޫސްވެރިން އަޑުގަދަކޮށް، އިހުތިޖާޖެއް ކުރަމުން ދަނިކޮށެވެ. ވޯޓަށް އެހުމުން ތަން ހޫނުވެ، މެދުކަނޑާލަން ވެސް ޖެހުނެވެ. މި ބިލު ފާސްކޮށްފައި ވަނީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.
އޭޖީ އޮފީހުން ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ނޫސްވެރިންގެ އެންމެ ކަންބޮޑުވުން އޮތް މާއްދާކަމަށްވާ، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނޯންނަ ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިވެ އެވެ.
އަދި ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރަން އޭޖީ އޮފީހުން ވަނީ ލަފާދީފަ އެވެ.
މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލުކޮށް ހިމެނުމަށް ވަނީ އެދިފަ އެވެ.
އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާއެއް ނުވަތަ ކޮމިޝަނުން މައްސަލަ ބެލުމަށް ނިންމައިފިނަމަ، އެ މައްސަލައިގެ ތަހުގީގު ކޮމިޝަނުން ގާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީއިން ކުރާގޮތަށް ހަމަޖެއްސުމާއި، އެ ކޮމިޓީއާގުޅޭ އުސޫލުތައް ބިލުގައި ހިމެނުމަށް ހުށަހަޅާފައި ވެ އެވެ.
މާދަމާގެ ޖަލްސާގައި މިއަދު ނިންމި ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހަޅައި، އެ ބިލު މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެ އެވެ.