އުތުރުގައި ޔަހަމާ ސެންޓަރެއް ގާއިމްކުރަން އެމްޕީއެލް އާއި އެލިއާއާ ދެމެދު ސޮޔެއް

މި އެއްބަސްވުމުގެ ދަށުން އުތުރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ބައި ގަރުނުވީ ޔަމަހާގެ އައުޑްބޯޑް އިންޖީނުގެ ސާވިސް ސެންޓަރެއްގެ ހިދުމަތް ލިބޭނެ އެވެ. އަދި އެމްޕީއެލްއަށް އާމްދަނީ އިތުރުވެ ވަޒީފާގެ ފުރުސަތުތަކެއްވެސް އުފެދޭނެ އެވެ.

އެމްޕީއެލް އާއި އެލިއާއާ ދެމެދު ސެންޓަރު ގާއިމް ކުރަން އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ -- އެމްޕީއެލް

އުތުރުގައި ފުޅާވެ ތަރައްގީ ވަމުންދާ މެރިޓައިމް ވިޔަފާރިއަށް ހާއްސަކޮށް ކުޅުދުއްފުށީ ޕޯޓުގައި ޔަހަމާ ސާވިސް ސެންޓަރެއް ގާއިމްކުރަން އެމްޕީއެލް އާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ. 

އެމްޕީއެލް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ / މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން އެވެ. އެލިއާގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަލާއު އަލީ އެވެ. 

މި އެއްބަސްވުމަކީ ކުޅުދުއްފުށީގައި އައުޓްބޯޑް އިންޖީން ސާވިސް ސެންޓަރެއް ގާއިމްކޮށް، ހިދުމަތް ފޯރުކޮށްދީ އަދި ޕްރޮމޯޓްކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ އިންފްރާސްޓަރަކްޗާ ސަސްޓެއިން ކުރުމުގައި އެލިއާ އިންވެސްޓްމަންޓުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. 

ސޮއި ކުރުމަށްފަހު އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ އެމްޕީއެލްއަކީ ކުރިން ހަމައެކަނި ކޮންޓެއިނާ ކްލިއަ ކުރަން އޮތް ކުންފުންޏެއް ކަމަށަވެސް މެރިޓައިމް ވިޔަފާރި ފުޅާވެގެން ދިއުމާއެކު އިތުރު ހިދުމްތަކަށް ޑިމާންޑް ބޮޑުވަމުންދާ ކަމަށާ މީގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށީ ވިޔަފާރި ބަނދަރުގައި އިތުރު ހިދުމަތްތައް ގާއިމް ކުރަން ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށެވެ. ކުޅުދުއްފުށީގައި އެލިއާ އިން ސާވިސް ސެންޓަރެއް ގާއިމް ކުރަން ނިންމީ އެހެންވެގެންކަން ރިޝްވާން ފާހަގަ ކުރެއްވި އެވެ. 

އެމްޕީއެލް އާއި އެލިއާއާ ދެމެދު ސެންޓަރު ގާއިމް ކުރަން ބޭއްވި ރަސްމިއްޔާތު -- އެމްޕީއެލް

"ކުޅުދުއްފުށީގައި މިހާރު ވެސް މިދަނީ ޑޮކްޔާޑެއް ހިންގަމުން. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މިބައި ވެސް އެ ޔާޑުގެ ތެރޭގައި މިކަން ހިމަނަން. އުތުރުގައި އެބަހުރި ވަރަށް ގިނަ ފުރުސަތު. އާރުޓީއެލް އާއި އަމިއްލަ ފަރާތްތަކުގެ ހިދުމަތްތައް ހޯދަމުންދޭ،" ރިޝްވާން ވިދާޅުވި އެވެ. 

ސިފައިންނާއި ފުލުހުންގެ ތެރޭގައި ވެސް ކުރިން ހިދުމަތް ކުރެއްވި ރިޝްވާން ވިދާޅުވީ އިންޖީނު މަރާމާތު ކުރުންފަދަ ހިދުމަތްތަކަކީ ކުރި މަގުގައި މި ސަރަހައްދުން އެންމެ ބޭނުންވާނެ އެއް ހިދުމަތަށް ވާނެ އެވެ. އަދި މިކަމުގެ ސަބަބުން އިތުރު ވަޒީފާ ތަކެއް އުފެއްދި އެމްޕީއެލްގެ ވިޔަފާރިއަށް ވެސް ފައިދާވާނެ ކަމަށެވެ. 

"ކުޅުދުއްފުށީގައި ބަނދަރެއް މި އޮންނީ. މިހާރު އެކި ތަފާތު ހިދުމަތަށް ރިކުއެސްޓް އާދެ. މިހާރު ކިރިޔާ ހިދުމަތެއް ހޯދަން ޖެހުނު ނަމަވެސް އަމިއްލަ ފަރާތްތަކުން ވެސް ޖެހެނީ މި ސަރަހައްދަށް އަންނަން. އެހެންވެ އަމިއްލަ ފަރާތްތަކުން ވެސް އެދޭ މިފަދަ ހިދުމަތްތައް ގާއިމް ކުރަން،" ކަމަށް ކުރިން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިސް މަގާމު ތަކެއް ވެސް ފުރުއްވި ރިޝްވާން  ވިދާޅުވި އެވެ. 

ސޮއިކުރުމަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދަ މިރާ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއީއޯ ރިޝްވާން ވިދާޅުވީ އެލިއާއާ މިތަން ހަވާލު ކުރީ އާއްމުކޮށް އިއުލާނުކޮށްގެން އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭން އެންމެ ރަނގަޅު ހުށަހެޅުމެއް ލިބުނީ މި ކުންފުނިން ކަމަށްވާތީ އެވެ. 

"އެމްޕީއެލްގައި އެބަހުރި ޕެޓްރޯލް ބޯޓު. ޔަމަހާ އިންޖީނުގެ އިތުރުން އެހެން އިންޖީނުތައް ވެސް ބޭނުންކުރޭ. އެކަމަކު ތަޖުރިބާއަކީ އެންމެ ރަނގަޅު ހިދުމަތެއް ލިބޭ އެއް ބައެއް އެލިއާއަކީ. މިއީ ވެސް އެލިއާއެކު މިކަން ފެށުނު ސަބަބެއް،" ރިޝްވާން ވިދާޅުވި އެވެ. 

ޖަޕާނުގެ ޔަމަހާ އައުޑްބޯޑް އިންޖީނު ވިއްކާތާ ބައި ގަރުނުވެފައިވާ އެލިއާ ކުންފުނީގެ އެމްޑީ އަލާއު ވިދާޅުވީ މި ގުޅުމަކީ ދިގު ދެމިގެންދާނެ ގުޅުމަކަށްވާނެ ކަމަށާ، މިކަމުގެ ސަބަބުން ކުރިއެރުން ތަކެއް ލިބިގެންދާނެ އެވެ. އަދި އެ ކުންފުނީގެ ހިދުމަތްތައް މުޅިރާއްޖެއަށް ފުޅާ ކުރަމުން ގެންދާކަން އަލާއު ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.