އޭގެ ފަހުން އެ މައްސަލަ ތަޅުމަށް ފޮނުވައި ވޯޓަށް އެހުމުން، މުޖުތާޒަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމަށް މުހައްމަދު މުޖުތާޒު އަދި ނައިބު ރައީސަކަށް އެ ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ނާސިހު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސީއެސްސީ ހިންގުމުގެ އެންމެ އިސް ދެ މަގާމަށް މި ދެ ބޭފުޅުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވީ، މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.
އެއާ އެކު، އެ މައްސަލަ ދިރާސާކުރަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އެ ދެ ބޭފުޅުންނަކީ ވެސް ސީއެސްސީގެ މެމްބަރުކަމަށް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވާ ބޭފުޅުން ކަމަށްވާތީ، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އެ ބޭފުޅުން އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީން މިއަދު ފާސްކުރި އެވެ.
އޭގެ ފަހުން އެ މައްސަލަ ތަޅުމަށް ފޮނުވައި ވޯޓަށް އެހުމުން، މުޖުތާޒަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ. ނާސިހަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓުންނެވެ.
މުޖުތާޒު ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.
އެ ކޮމިޝަނުގެ ރައީސަކަށް މިހާރު ހުންނެވި، ނާސިހު އެ ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަންކުރީ 2020 ވަނަ އަހަރު އެވެ. އެހެންވެ، މިއީ އެ ކޮމިޝަންގައި މަސައްކަތް ކުރައްވާ އޭނާގެ ދެވަނަ ދައުރެވެ.