ބިލު ފާސްކޮށްފައި ވަނީ 64 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ގެނައި ބަދަލުތަކާއެކު ފާސްކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ފަސްވަނަ ޖަލްސާގަ އެވެ.
ބިލު ފާސްކޮށްފައި ވަނީ 64 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނެވެ.
ކޮމެޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންފި ހިނދެއްގައި، ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި އެ ސަރަހައްދެއްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހިޔާލު ހޯދުމުގެ ވޯޓެއް ނެގިދާނެ ކަމަށް ބަދަލުކުކޮށްފަ އެވެ.
ކޮމެޓީން ބިލަށް ގެނައި އިތުރު އިސްލާހުތަކުގެ ތެރޭގައި، ވަކި ސަރަހައްދަކަށް ހާއްސަކޮށްގެން ވޯޓު ނަގާނަމަ މަދުވެގެން 45 ދުވަހުގެ ތެރޭގައި ވޯޓު ނަގަން ޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ.
އޭގެ އިތުތުން އިލެކްޝަން ކޮމިޝަނަށް ބަޖެޓަށް އެދޭތާ 10 ދުވަހުގެ ތެރޭގައި ވޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ވެސް ވަނީ ލާޒިމްކޮށްފަ އެވެ. ކުރިން ބިލުގައި އޮތީ 14 ދުވަހެވެ.
އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ބާއްވަން ޖެހެ އެވެ.