ސީއެސްސީ ގަވާއިދަށް ގެނައި 13 ވަނަ އިސްލާހު އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަވާއިދުގެ 188-1 ވަނަ މާއްދާގައި ބަޔާންކުރާ ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީގެ ބަޔަށް ވަނީ އަކުރެއް އިތުރުކޮށްފަ އެވެ.

އާއިލީ ގޮތުން ގާތް ގުޅުން އޮންނަ މީހަކު ދާއިމީ ބައްޔަށް ފަރުވާ ހޯދާނަމަ، ސީވިލް ސާވިސް މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދު އިސްލާހު ކޮށްފި އެވެ.
ސީއެސްސީ ގަވާއިދަށް ގެނައި 13 ވަނަ އިސްލާހު އިއްޔެ ވަނީ ގެޒެޓްކޮށްފަ އެވެ. އެ ގަވާއިދުގެ 188-1 ވަނަ މާއްދާގައި ބަޔާންކުރާ ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީގެ ބަޔަށް ވަނީ އަކުރެއް އިތުރުކޮށްފަ އެވެ.
އެ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އެ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 2 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މުވައްޒަފުގެ މަންމައަށް، ބައްޕައަށް، އަނބިމީހާއަށް، ފިރިމީހާއަށް، ދަރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، އެއްބަފާ މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެ ނަމަ، އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
އެ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ބަލިވުމުގެ ސަބަބުން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުތުމަށް އުޒުރުވެރިވާނަމަ ސަލާމުގެ ޗުއްޓީ ދޭން ވާނެ ކަމަށެވެ. 2 ވަނަ ނަންބަރުގައި ބުނަނީ، ރަސްމީ ގަޑި ފެށޭތާ ލަސްވެގެން ގަޑިއިރެއްގެ ތެރޭގައި ސަލާމް ފޮނުވަން ވާނެ ކަމަށެވެ.
ސީއެސްސީ ގަވާއިދަށް ދެން ގެނެސްފައިވާ އަނެއް އިސްލާހަކީ މުވައްޒަފުން ވަޒީފާއިން ދޫކޮށްލެވޭނެ ހާލަތްތައް ބަޔާންކުރާ މާއްދާއަށް ގެނައި އިސްލާހެވެ. އެ ގަވާއިދުގެ 223 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ އަކުރުގައި ބުނަނީ ސީއެސްސީގެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭނީ އެ މުވައްޒަފަކަށް ދިމާވާ ސިއްހީ ހާލަތަކާ ގުޅިގެން ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތެއްގައި ވަޒީފާ އަދާދާކުރަން ނުކުޅެދޭ ހާލަތެއްގައި ކަމަށެވެ.