އެމްޑީ ސަމާހު ވަނީ ވާވުގައި ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ރަށަކަށް ވަޑައިގެން މައުލޫމާތު ސާފު ކުރައްވާފަ އެވެ.
ސްޓެލްކޯ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަވާލުވެ ވަޑައިގެންނެވި އަހުމަދު ސަމާހު ރަޝީދު މަސައްކަތަށް ނުކުމެ ވަޑައިގަތުމަށްފަހު އެ ކުންފުނީގެ އޮޕަރޭޝަންގެ މައުލޫމާތު ހޯއްދެވުމުގެ ދަތުރުތަކެއް ފައްޓަވައިފި އެވެ.
އެމްޑީ ސަމާހު ވަނީ އެ ކުންފުނީގެ ސީނިޔަ ޓީމްއަކާއެކު ހަފްތާ ބަންދުގައި ވ. އަތޮޅުގައި އެ ކުންފުނިން ހިދުމަތްދޭ ރަށްރަށަށް ވަޑައިގެންފަ އެވެ. މިގޮތުން އެ ކުންފުނިން ހިދުމަތްދެމުންގެންދާ ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ އަދި ތިނަދޫއަށް ވަޑައިގެން އެ ރަށްރަށުގެ އިންޖީނުގެ އަށް ޒިޔާރަތްކުރައްވާ މި ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނާއި މަޝްވަރާކުރައްވާފައިވެ އެވެ.
ސްޓެލްކޯގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އެމްޑީ ހުސެއިން ފަހުމީ އެ މަގާމުން ވަކިކޮށް އެމްޑީގެ މަގާމަށް އަހުމަދު ސަމާހު ރަޝީދު އައްޔަން ކުރެއްވީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. މިހާރުގެ އެމްޑީ ސަމާހުއަކީ ކުރިން މަސް ކުންފުނީގެ އެމްޑީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.