މި މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި، ރައީސް ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރަށް މިރޭ ފުރާވަޑައިގަންނަވައިފި އެވެ.
މި މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި، ރައީސް ބަޔާނެއް އިއްވަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަކީ، ރާއްޖޭން ގަތަރާއެކުގައި އޮތް އެއްބައިވަންތަކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ.
އަދި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން އެދެމުންދާ އެދުމަށް މިކަމުން ބާރުދޭނެ ކަމަށް ވެސް ބުންޏެވެ.
މި މުނާސަބު ވަގުތުގައި، އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއް ބޭއްވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ގައުމުތަކުގެ އިސްވެރިން އެއްތަންވުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.
އަދި މި މަންސައިގެ ތެރެއިން މުސްލިމު އުއްމަތުގެ އަޑު އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް އިއްވައި، ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި ސަރަހައްދީ އަމަންއަމާންކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިވެގެންދާނެ އެވެ.