ހަތަރު މަހެއްހާ ދުވަސް ކުރިން އުފެއްދި 'މީޑިއާ ފެންޑާ' އުވާލައިފި

"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް ދަނީ އަމަލުކުރަމުން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މީޑިއާ ފެންޑާ ހުޅުއްވައިދެއްވަނީ --

މިދިޔަ މޭ މަހު ހުޅުވި "މީޑިއާ ފެންޑާ"ގެ ބޭނުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ބޭނުން ނުކުރާ ކަމަށް ބުނެ، އުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މީޑިއާ ފެންޑާ އަކީ، އެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ހާއްސަކޮށްގެން ނޫސްވެރީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ އޮފީހުގެ ބައެއް ގޮތުގައި ހުޅުވި ތަނެއް ކަމަށެވެ.

އެތަން ބޭނުން ކުރުމުގައި އަމަލު ކުރަންވީ އުސޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުކުރުމުގެ ރަސްމީ ހުއްދައެއް ދޫކޮށްފައިވާކަން އެ ބަޔާނުގައިވެ އެވެ.

"ނަމަވެސް، މީޑިއާ ފެންޑާ ބޭނުން ކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން، އެ ތަނުގައި ތިބެ ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ދަނީ ކުރަމުން،" ރައީސް އޮފީހުގެ ނޫސްބަޔާނުގައިވެ އެވެ.

އަދި، ގްރީންޒޯންގައި ހުންނަ މި ތަނުގައި އާންމު މަސްލަހަތު ގެއްލޭ، އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާންމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެއް،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެތަނުގެ ބޭނުން ހިފަމުން ނުދާތީ އާއި އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން އެތަން އުވާލާފައިވާ ކަމަށެވެ.

މިފަހުން މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަމުން ދިޔައީ މީޑިއާ ފެންޑާގަ އެވެ. ރައީސް އޮފީހުގެ ބަޔާނުގައި އިޝާރާތް ކޮށްފައި ވަނީ އެ މުޒާހަރާތަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.