މާފުށި ކައުންސިލް ކުންފުނީގެ އެމްޑީ ސަލްމާން ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރުމުގައި އެންމެ އިސްކަން ދޭނީ ތިމާވެއްޓަށެވެ. މި މަސައްކަތް ކުރަން ރާއްޖޭގެ އެކި ހިސާބުތަކުން މިވަގުތު ވެސް ހުށަހެޅުންތައް ވަނީ ލިބިފަ އެވެ.
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ އެވެ. ސަރުކާރުން ކިތަންމެ ބޮޑު މަޝްރޫއަކުން ބީޗެއް ހެދިޔަސް އެތަން ގިރާލަ އެވެ. އެ ހިސާބުން އެ ރަށެއްގެ ރަަށްޔިތުން ތިބެން ޖެހެނީ ސަރުކާރުން އެކަން ކޮށްދޭނެ ދުވަހަކަށް ބަލައިގެންނެވެ. ރާއްޖޭގެ އެއްވެސް ރަަށެއްގައި އަމިއްލަ އަށް މިފަދަ ކަމެއް މެނޭޖުކޮށްލެވޭނެ ގާބިލްކަމެއް ނެެތެވެ. ތަނަކަށް މޫދުން ވެލި ނަގައިގެން ކަމެއް ކުރަން ވިސްނައިފިނަމަ މިއީ އެތައް މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. ސަބަބަކި ރާއްޖޭގައި ވެއްޔަކީ ލާރީގެ ގޮތުގައި ބަލަން ޖެހޭ ވަރަށް މިކަމުގެ އަގު މަތިވުމެވެ. މި ފުރުސަތު ބަލައިގެން އޮތީ ކ.މާފުށީ ކައުންސިލުންނެވެ. ކައުންސިލްގެ އިރުޝާދުގެ މަތިން މިރަށު ކައުންސިލް ކުންފުނިން މިވަނީ މި ފުރުސަތުގެ ބޭނުން ހިފައި ވެލިނެގުމުގެ ވިޔަފާރި މުޅިރާއްޖޭގައި ކޮށްލެވޭ ވަރުގެ ބާޖެއް އަމިއްލަ އަށް ހޯދައި ވެލިން ލާރި "އުފެއްދުމު" ގެ ތެރެއަށް ނުކުމެފަ އެވެ.
"ރާއްޖޭގައި އެތައް ސަތޭކަ ރަށެއްގައި އަބަދު އޮންނަނީ ބީޗު ހަދަން ބޭނުންވެފަ. ބީޗަށް ވެލި އަޅަން ބޭނުންވެފަ. އެހެންވެ މި ބާޖުގެ ބޭނުން ރާއްޖޭގެ އެހެން ރަށްތަކާއި ރިސޯޓްތަކަށް ވެސް ބޮޑު. ބާޖެއް އަމިއްލައަށް ހޯދުމުގެ އެއް ބޭނުމަކީ މި ފުރުސަތުގެ ތެރެއަށް ނުކުތުން،" ކ.މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްމާން ރަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި 170 އަށްވުރެ ގިނަ ރިސޯޓް ހުރިއިރު މީގެ ގިނަ ރިސޯޓްތަކުގެ ބީޗަށްވެސް ވެލިއަޅަން ބޭނުންވެ އެވެ. މިއީ ފަސޭހަކަމެއް ނޫނެވެ. ބައެއް ރިސޯޓްތަކުން އަމިއްލައަށް ވެލިބާޖު ގެނެސް ބަހައްޓައިގެން އުޅުނަސް މިއީ ފަސޭހަ އޮޕަރޭޝަނަށް ނުވެ އެވެ. އެހެންވެ ކައުންސިލް ކުންފުނިން ހޯދި މި އެސެޓާއެކު މި ވިޔަފާރީގެ ތެރެއަށް ވަންނަން ބޮޑު ދޮރެއް ހުޅުވިގެންދާނެ އެވެ.
ސަލްމާން ވިދާޅުވި ގޮތުގައި މިހާރުވެސް ގިނަ ރަށްރަށާއި ރިސޯޓްތަކުން ވެސް އެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. ނަމަވެސް އެ ކުންފުނިން މިމަސައްކަތް ކުރާނީ ތިމާވެށީގެ ގޮތުގައި ހަދަން ޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެންކަން ސަލްމާން ފާހަގަ ކުރެއްވި އެވެ.
"އީއައިއޭ ވެސް ފުރިހަމަކޮށް ނަގަން ޖެހޭ ހުރިހާ ހުއްދައެއް ފުރިހަމަ ކުރުމުން ނޫނީ އަޅުގަނޑުމެން މަސައްކަތެއް ނުފަށާނެ. އެންމެ ބޮޑަށް ބަލާނީ ތިމާވެށްޓަށް،" ސަލްމާން ވިދާޅުވި އެވެ.
މާފުށި ކައުންސިލްގެ "ރަންވެލި ބާޖު" އަކީ ދުރުގައި ބާއްވައިގެން އޭގައި އިންނަ ޕަންޕެއް މެދުވެރިކޮށް ވެލި ނަގައިގެން ބީޗު ހަދަން ބޭނުން ކުރާޒާތުގެ އުޅަނދެކެވެ. ގާތްގަނޑަކަށް 30 މީޓަރުގެ ފުނުން ވެލި ނެގުމުގެ ކުޅަދާނަކަން ހުރި މި ވެލިބާޖުގެ ސަބަބުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް އޮތީ މިރަށުގެ ޓޫރިޒަމްމަށެވެ. މި ރަށުގެ އާއްމު ރައްޔިތުންނަށެވެ. މި ބާޖު ހޯދުމުގެ އެންމެ ބޮޑުއެއް މަގުސަދަކީ ކައުންސިލް ކުންފުންޏަށް ފައިސާ ހޯދުމުގެ އިތުރުން މި ރަށުގެ އިގްތިސޯދަށް ދިރުން ގެނައުމެވެ. މީގެ އިތުރުން މި ރަށުގެ ރައްޔިތުން އުފާވެރިކަން ގެނެސް ދިނުމަކީ ވެސް އެއް ބޭނުމެވެ.
އެންމެ އަވަހަށް ކައުންސިލުން ފަށާނީ މި ރަށު އިރުމަތީ ފަރާތުގައި ފުރިހަމަ ރީތި ބީޗްތަކެއް އުފެއްދުމުގެ މަސައްކަތެވެ. ހުއްދަތައް ހަމަވުމާއެކު އެ މަސައްކަތް ފެށިގެންދާނެ އެވެ.
"ރަންވެލި ބާޖު" ގެ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މި ބާޖާއެކު އެންމެ ފުރަތަމަ ކުރާނެ ކަމަކީ މި ރަށު ރައްޔިތުންނަށް މޫދަ އެރެވޭނެ ގޮނޑުދޮށް ތަކެއް ހެދުމެވެ. އަދި ރާއްޖޭގައި އޮތް އެންމެ ރީތި ބީޗުތައް ހުރި ރަށަކަށް މި ރަށް ބަދަލުކޮށްލުމަކީ ކުރާނެކަމެއްކަން ސޮލާހު ފާހަގަ ކުރެއްވި އެވެ.
"މާފުށީގެ ބީޗް ހެދިގެންދާއިރު މި މަހު 15 ގައި މޫދު ރެސްޓޯރެންޓަކާ އެކީގައި ފަތާ ޓްރެކަކާއެކު ހާއްސަކޮށް އިސް ރަށްވެހިންނަށް ފަސޭހަކަމާއެކު ފާލަމަކުން ގޮސް ފަސޭހަކަމާއެކު މޫދަށް އެރެލެވޭ ފާލަމެއް އިރާދުކުރެއްވިއްޔާ ހަދަން ފަށާނަން،" ސޮލާހު ވިދާޅުވި އެވެ.
މާފުށި ކައުންސިލުން މި ނެގީ ދިގު ފިޔަވަޅެކެވެ. މި ފިޔަވަޅާއެކު އާ ފުރުސަތު ތަކެއް މި ރަށަށް ހުޅުވިގެންދާނެ އެވެ. މުޅިރާއްޖެ ހިއްކަމުން ގެންދާއިރު ހިއްކާ ތަންތަނުގެ ވެލިގަނޑު މެނޭޖުކުރާނެ ބަޔަކު ބޭނުންވާނެ އެވެ. ކައުންސިލް ކުންފުނީގެ މި ބާޖާއެކު މިކަން ވިޔަފާރިއެއްގެ ގޮތުގައި ފަށައިގަތުމުގެ ފުރުސަތު މިވަނީ ހުޅުވިފަ އެވެ. މިކަން ވެގެންދާނީ މޫދު ވެލިން "ލާރި" އުފައްދުން ފަދަ މަންފާހުރި ވިޔަފާރިއަކަށެެވެ.