ފަލާހް ވިދާޅުވީ މީޑިއާ ބިލު ފާސްވިޔަސް ސޯޝަލް މީޑިއާ ބަންދު ނުވާނެ ކަމަށް

އޭނާ ވަނީ ދިވެހި ޒުވާނުން "ގަދަޔަށް" ސޯޝަލް މީޑިއާ ބޭނުން ކުރުމަށް ގޮވާލައްވާފަ އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު / އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް

މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއެކު ސޯޝަލް މީޑިއާ ބަންދުވެދާނެ ކަމަށް ބިރު ހީވެފައި އޮތަސް، އެކަން އެހެން ނުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ. 

ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

އެ ބިލަށް އެޓާނީ ޖެނެެރަލްގެ އޮފީހުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެ އިސްލާހުތަކުގައި، މީޑިއާގެ ގޮތުގައި މާނަކޮށްފައި އާންމުކޮށް މީޑިއާގެ ގޮތުގައި ބެލެވޭ ޓީވީ، ރޭޑިއޯ، ވެބްސައިޓްތަކާއި، ނޫސްމަޖައްލާތަކުގެ އިތުރުން، ޕަބްލިކޭޝަންސްތަކެވެ. އޭގެ އިތުރުން އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ހަބަރާއި ހިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕު ކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުން ތަކަކީ ވެސް މީޑިއާ ކަމަށް މަނާކޮށްފައިވެ އެވެ.

އެހެންކަމުން އޭގެ ތެރޭގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ހިމެނުމުގެ ފުރުސަތު ބޮޑު ކަމަށް ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ދަނީ އެކިފަރާތްތަކުން ފާޅުކުރަމުންނެވެ. 

އެކަމާ ގުޅިގެން ފަލާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސާލަކަށް އެ ބިލު ފާސްވިޔަސް، ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، އެފަދަ އެޕްތައް ބަންދުވާގޮތަށް އެ ބިލުގައި ނެތް ކަމަށެވެ.

"ރައީސް މުއިއްޒުއަކީ ތިޔަ ޒުވާނުންނާއި، ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެ ފަދަ، ތިޔަ ޒުވާނުންގެ އަދި ރައްޔިތުންގެ މުޅި މުސްތަގުބަލް އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ 100 ޕަސެންޓް ޔަގީންކަން އޮތް ވެރިއެއް،" އޭނާ ވިދާޅުވި އެވެ.

އެ ޕޯސްޓުގައި އޭނާ ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސޯޝަލް މީޑިއާ ބަންދުވެގެން ދާނެ ކަމަށް ވާހަކަ ފަތުރަމުން ދަނީ ނޫސްވެރިންގެ "ތާޖު" އަޅައިގެން ތިބި އެމްޑީޕީ އެކްޓިވިސްޓުންތަކެއް ކަމަށެވެ. އެ ޕާޓީއަކީ ދޮގު ފަތުރާ ޕާޓީއެއް ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.

އޭނާ ވަނީ ދިވެހި ޒުވާނުން "ގަދަޔަށް" ސޯޝަލް މީޑިއާ ބޭނުން ކުރުމަށް ގޮވާލައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.