އެސްޓީއޯއިން ވަނީ 10 ބާވަތެއްގެ ތަރުކާރީ އާއި 10 ބާވަތެއްގެ މޭވާ އާއި މުގާއި ހަނޑޫ އަދި ހަކުރު ފުށް އެސްޓީއޯއިން ގެންނަން ނިންމާފަ އެވެ.
ދިވެހިން އަސާސީ ބާވަތްތަކާޢެކު ޖުމްލަ 26 ބާވަތެއް މި ލިސްޓުގައި ހިމަނައި އެތެރެކުރަން ނިންމުމަކީ 60 އަހަރުފަހުން އަންނަ ބޮޑު ބަދަލަށްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދިވެހިން އާއްމު ދިރިއުޅުމުގައި ބޭނުންކުރާ އަސާސީ ބައެއް ތަކެތީގެ ސަޕްލައި ގޮންޖެހުމާއެކު އަގުތައްމަތިވުމުގެ ޝަކުވާ އާއްމުން ކުރަމުންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ މޭވާ އާއި ތަރުކާރީ އަދި މުގުގެ އިތުރުން ބާވަތްތައް ގަނޑުކޮށް ގެނެސް، އެސްޓީއޯ މެދުވެރިކޮށް ގެނެސް ރާއްޖޭގައި ސްޓޯކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ނިންމަވާފަ އެވެ.
ކެބިނެޓުގައި މަޝްވަރާކޮށް ނިންމި މި ނިންމުމުގެ މައުލޫމާތު ދޭން އެސްޓީއޯގައި އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އެސްޓީއޯ އުފަންވެގެން ދިޔައީ ވެސް ކާނާގެ ޔަގީންކަން އިތުރު ކުރަން ހަނޑޫ، ހަކުރު އަދި ފުށް ލިބޭނެ ހަރުދަނާ އިންތިޒާމެއް އުފެއްދުމަށް ކަމަށާ އޭގެފަހުން ތެޔޮ އެތެރެކުރަން ފެށި ކަމަށެވެ.
"މިކަން ކުރިއިރު އޭރުގެ ވެރި މީހާގެ މޭޒު މައްޗަށް ދާން ޖެހޭ ރާއްޖޭގައި ކާޑު ހުރީ ކިހާވަ ރަކަށަ ކަން. ހަނޑޫ، ހަކުރު ފުށުގެ ސްޓޮކް ހުރި މިންވަރު. އަދި ކިހާ ދުވަހެއްގެ ސްޓޮކެއް ހުރިކަން. އޭގެފަހުން މެންޑޭޓް ބަދަލުވެ ކަރާސީނު [ކަރަންޓުގެ ޔަގީން] ކަން އިތުރު ކުރުން އެސްޓީއޯއަށް އިތުރުވީ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ 60 އަހަރުފަހުން އިއްޔެ ރާއްޖޭގެ ކާނާގެ ޔަގީންކަން އިތުރުކޮށް އަގުތައް ކޮންޓްރޯލް ކުރުމަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށާ އެ ބަދަލަކީ އެސްޓީއޯ އިން ކާޑުގެ ބާވަތްތަކާއެކު ޖުމްލަ 26 ބާވަތެއް ރާއްޖެ ގެންނަން ނިންމުމެވެ. ރައީސް ޑރ، މުއިއްޒު މި ނިންމެވުން އައިސްފައިވަނީ މިހާރުގެ ހާލަތަށް ބަދަލައި ރައްޔިތުންނަށް ލުއިތަކެއް ދިނުމުގެ ބޭނުމުގައިކަން ސައީދު ފާހަގަ ކުރެއްވި އެވެ.
"މި އަސާސީ ބާވަތްތައް [ކާޑު] ގެ އިތުރުން ރައްޔިތުން އެންމެ ގިނައިން ކޮންސިއުމް [ބޭނުން] ކުރަން ބޭނުންކުރާ 10 ބާވަތެއްގެ ތަރުކާރީ އާއި 10 ބާވަތެއްގެ މޭވާގެ އިތުރުން އިތުރު ތިން ބާވަތެއް. އެހެންވެ މީގެ ފަހުން މި ބާވަތްތަކުގެ ޔަގީންކަން ލިބިގެން މިދަނީ،" ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުބި ގޮތުގައި ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަން އިންޓަވިން ކުރަން ކުރިން ނިންމިނަމަވެސް މިހާރުގެ ހާލަތު އޮތްގޮތުން އެކަން ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.
"މިހާރު ހުރި ސަޕްލައިޗެއިންގެ ޑިސްޓްރަޕްޝަންތަކުގެ ސަބަބުން [ސަޕްލައި ނުލިބުމާއި މުދާ ސަޕްލައިގައި ހުރި ދަތިތަކުގެ ސަބަބުން] ވާގޮތަކީ އޮރެންޖުގެ އަގު ބޮޑުވީމަ އެސްޓީއޯ އިން އިންޓަވިންކުރަން ބަލާއިރު މުދާ ގެންނަން ޖެހެނީ ވަރަށް ދުރުން. ކޮންޓެއިނާގައި މުދާ ގެންނައިރު 30 ދުވަހުގެ ލީޑް ޕިރިއަޑެއް ނަގާ. އަދި ޕޯޓުން ކްލިއަކޮށް ނިމޭއިރު މި އޮންނަނީ މާލަސްވެފަ. އެހެންވެ ސަރުކާރުން ނިންމީ އިންޓަވިންކުރުމުގެ ބަދަލުގައި ދާއިމީކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް މި ލިބޭނެ ގޮތް ހެދުން،" ސައީދު ވިދާޅުވި އެވެ.
"އިންޓަވިން ކުރަން ފެށީ ރޯދަމަހު އަގު ބޮޑުވާ ބާވަތްތަކަށް. އިރާދުކުރެއްވީތީ މިދިޔަ ދެ ރޯދަ މަހުވެސް އިންޝާﷲ ކުރިއާ ބަލާއިރު ވަރަށް ބޮޑަށް ރަނގަޅު."
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި އެސްޓީއޯ އިން އިތުރު ބާވަތް ތަކެއް އެތެރެކުރުމަށްފަހު ކޮންމެ އަހަރަކު ލިސްޓް ރިވިއުކުރާނެ ކަމަށާ ރިވިއުކުރުމަށްފަހު ލިސްޓަށް ބަދަލު އަންނާނެ އެވެ. ނަމަވެސް މިހާތަނަށް ހުރި މައުލޫމާތުތަކަށް ބަލާއިރު ދިވެހިން ބޭނުންކުރާ ލިސްޓުގައި އަބަދުވެސް ހުންނަނީ އެއް ބާވަތްތަކެއްކަން ސައީދު ފާހަގަ ކުރެއްވި އެވެ.