އެތެރޭގެ އާމްދަނީގެ ނިޒާމު ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ބޭރުގެ އެހީއާއި ލޯނަށް ބަރޯސާވުން ކުޑަކުރުމަކީ މިހާރު ރާއްޖެއަށް މުހިންމު ކަމެކެވެ.
އެތެރޭގެ އާމްދަނީގެ ނިޒާމު ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި ލޯނަށް ބަރޯސާވުން ކުޑަކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މާލީ ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވެގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ އެތެރޭގެ އާމްދަނީގެ ނިޒާމު ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ބޭރުގެ އެހީއާއި ލޯނަށް ބަރޯސާވުން ކުޑަކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށާ، އެއާއިއެކު،އަދި، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް ހޯދުމަކީ ޕަބްލިކް ފައިނޭންސް މެދުވެރިކޮށް ކުރަން އުނދަގޫ ކަމެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިކަންކަން ހައްލުކުރުމަށް، ހަރުދަނާ ޑޮމެސްޓިކް ކެޕިޓަލް މާރކެޓެއް މުހިއްމު ކަމަށާ އެގޮތުން ދިގު މުއްދަތަށް ރައްކާކުރާ ފައިސާ އިންވެސްޓް ކުރާނެ ގޮތްތައް ހޯދުމަށާއި ފައިނޭންސިންގެ ފުރުސަތުތައް ފުޅާކޮށް، އިގްތިސާދުގެ ވިލުންތެރިކަން އިތުރުކުރުމަށް ކެޕިޓަލް މާރކެޓަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ އެވެ.
"ތަފާތު އިންވެސްޓްމަންޓް ޕްރޮޑަކްޓުތައް ތައާރަފުކޮށް އެ ފުރުސަތުތައް ހުޅުވާލަން ޖެހޭ. އަދި ގައުމުގެ މާލީ ބާޒާރަކީ ހުރިހާ ފަރާތްތަކަށް ފަހި ބާޒާރެއްކަން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ. ދެމެހެއްޓެނިވި ލަނޑުދަނޑިތަކާ އެއްގޮތަށް އެކުލެވިފައިވާ ބޮންޑާއި، ސުކޫކާއި ފެހި އަދި ނޫ ބޮންޑުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ގާއިމުކޮށް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަންހެނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ބޭނުންވާ ކެޕިޓަލް ފަސޭހައިން ހޯދޭނެ މަގުފަހިކޮށް ދިނުމަކީ މުހިއްމު ކަމެއް،" ޒަމީރު ވިދާޅުވި އެވެ. "ޕެންޝަން ފަންޑު ފަދަ އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް މިކަމުގައި މުހިއްމު ދައުރެއް އަދާކުރެވޭނީ ކެޕިޓަލް މާކެޓުގެ ގަވަރނަންސް ހަރުދަނާކޮށް ހާމަކަން ބޮޑުކޮށްގެން."
މިނިސްޓަރު ފާހަގަ ކުރެެއްވި ގޮތުގައި މި ކަންކަމަކީ ސަރުކާރަށް އެކަނި ހާސިލުކުރެވޭނެ ކަން ކަމެއްނޫން ކަމަށާ މިކަން ކުރެވޭނީ ސަރުކާރާއި ރެގިއުލޭޓަރުންނާއި އަމިއްލަ ކުންފުނިތަކާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން އަދި އާންމު ފަރުދުން ހިމެނޭހެން އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ.
ކުރިން ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި ޒަމީރު ވިދާޅުވީ މާދަމާގެ ޖީލުތަކަށް ހުރި ފުރުސަތުތައް ބިނާވާނީ މިއަދު އަޅުގަނޑުމެން ނިންމާ ނިންމުންތަކާއި އަޅާ ފިޔަވަޅުތަކުން ކަމަށާ އެހެންކަމުން މާކެޓުގައި ހަރަކާތްތެރިވާ އެންމެންގެ ބައިވެރިވުން އެކުލެވޭ ވިލުންތެރި ކެޕިޓަލް މާރކެޓެއް ގާއިމުކުރެވިއްޖެނަމަ ގައުމުގެ އިގްތިސާދު ކުރިއަރާ ހަރުދަނާވުމުގެ އިތުރުން ރައްޔިތުންގެ މާލީ ރައްކާތެރިކަމަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެެންދާނެ ކަމަށެވެ.