ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް.
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަން އެ މަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.
ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންގެ އިނާޔަތްތައް ކުޑަކުރަން ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ހިޔާލެއް ހޯދަން ރައީސް މި ހަފްތާގެ ތެރޭގައި ހުށަހެޅުއްވި އެވެ.
މި ނިންމުން ސަރުކާރުން ނިންމާފައިމިވަނީ، ކުރީގެ ރައީސުންނާއި މަޖިލިސް މެމްބަރުންނަށް ލިބޭ ބޮޑެތި އިނާޔަތްތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.
މި ފާޑުކިޔުންތައް އަލުން ފެންމަތިވީ، ކުރީގެ މެމްބަރުންނަށާއި މިހާރުގެ މެންބަރުންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފާސް ހިސާބުތައް އާއްމުކުރުމާ ގުޅިގެންނެވެ.