މި އެސްބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރެވިގެންދާނެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކުއު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހިގޮތަށް ޕްލާސްޓިކް މެނޭޖްކުރުމެވެ.
މި އެސްބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރެވިގެންދާނެ އެވެ. އަދި މި ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑަރތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިންގ ފެސިލިޓީތަކަށް އެކްސްޕޯޓްކުރާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމަަށާ ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގްބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެމުން ކަމަށެވެ.
މޯޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވި ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު މި އެއްބަސްވުމަކީ އަޅުގަނޑުމެންގެ ގައުމީ ފެންވަރެއްގައި މި ހިންގާ ރީސައިކްލިން މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.
"މި އައު ފެސިލިޓީ ގާއިމުކުރުމުން ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށްލެވޭނެ. މި އެހީތެރިކަމުގެ ސަބަބުން ކުނި މެނޭޖް ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ.
އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، މި ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެއެވެ. މި ޕްރޮގްރާމަށް ކަސްޓަމަރުންވެސް އަދި ވިޔަފާރިތަކުންވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއާ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސްއިން ޖަރުމަނުވިލާތަށާއި، ތައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ބީ.އެމް.އެލްއިން ވަނީ އެހީތެރިވެފައެވެ.