މިނިސްޓަރު ސައީދު ވިދާޅުވީ އަލީބާބާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އީކޮމާސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް އޮންނާނެ އެވެ.
ޗައިނާގެ އީ- ކޮމާސް ޖަޔަންޓް އަލީބާބާގައި ދިވެހިންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލަން ނިންމައި އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ އަލީބާބާއާއެކު މި މަހު ބާއްވާ ވޯކްޝޮޕުގައި ފުރުސަތު ފަހިކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި ދުނިޔޭގެ ނަންމަޝްހޫރު އީކޮމަސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އީކޮމާސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މި މަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.
މި ވޯކްޝޮޕްގައި މައޫލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި އަލީބާބާ.ކޮމް އާއެކު މިކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެ ފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ ފުރުސަތަކެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ތަކެތި އުފައްދައިގެން އޮންލައިކޮށް ވިޔަފާރިކުރާ 400އަށް ވުރެ ގިނަ ވިޔަފާރިވެރިން އުޅެ އެވެ.
މި ފުރުސަތު ފަހިވެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީޓްރޭޑް އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.