ކޯޓުން ބުނީ މި މައްސަލައިގައި ބާކީ ތިބި 35 ހެކިވެރިންގެ ހެކިބަސް، ހަ އަޑުއެހުމަކަށް ބަހާލައިގެން، ދެ މަސް ދުވަހުން ނިންމާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ހ. ޝީރީންވިލާގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތުހުމަތުގައި ނިލަންދޫ، ފިނިފެންމާގެ، އަލީ ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް، ދެ މަސް ދުވަހުން ނަގާ ނިންމާ ގޮތަށް ޝަރީއަތުން ނިންމައިފި އެވެ.
ސާހިލްގެ މައްޗަށް މި މައްސަލައިގައި ފަސް ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ ދައުވާގެ ތަފްސީލް ވަނީ ސިއްރުކޮށްފަ އެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދާ މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ސާހިލް ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ. ހާޒިރު ނުކުރެވުނު ސަބަބެއް ނުބުނެ އެވެ.
އެހެންވެ، މިއަދު ނަގަން އުޅުނު ދެ ހެކިންގެ ހެކިބަސް، މިމަހުގެ 14 ވަނަ ދުވަހު ނަގާ ސިއްރު ހެކިންގެ ހެކިބަހާ އެކުގައި ކުރިއަށް ގެންދާ ގޮތަށް ދައުލަތުން އެދިފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ކޯޓުން ބުނީ މި މައްސަލައިގައި ބާކީ ތިބި 35 ހެކިވެރިންގެ ހެކިބަސް، ހަ އަޑުއެހުމަކަށް ބަހާލައިގެން، ދެ މަސް ދުވަހުން ނިންމާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުވާތައް އިއްވުމުން ސާހިލް ވަނީ ދައުވާތަކަށް ޖަވާބުދާރީވާން އުޒުރުވެރިވާކަމަށް ބުނެފަ އެވެ. އެހެންވެ، އޭނާ ދައުވާތަކަށް އިންކާރު ކުރީ ކަމަށް ކަނޑައަޅާފައިވެ އެވެ. ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިނުމުން، ދިފާއީ ހެއްކެއް ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. މި މައްސަލަ މިހާރު ކުރިއަށް ގެންދަނީ ސާހިލް އަމިއްލައަށް، ވަކީލަކާ ނުލަ އެވެ.
އޯގަސްޓު 6، 2022 ގައި ޝިއާއު މަރާލާފައި ވަނީ ސާހިލް ކަމަށް ތުހުމަތުކޮށް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ސާހިލް ހައްޔަރު ކޮށްފައި ވަނީ ޝިއާއު މަރާލާފައި އޮއްވާ ފެނުނު ސީނުންނެވެ.