ކޮމެޓީ ސިއްރުކޮށްފައި ވަނީ ބިލަށް ހިޔާލު ފޮނުވި މީހުން ޒާތީ މައުލޫމާތު ހުރި ކަމަށާއި، އެ މައުލޫމާތު ލައިވް ކޮމެޓީއެއްގައި އާންމު ކުރުމަކީ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް ބުނެ އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ވެސް ސިއްރުކޮށްފި އެވެ.
ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށް ކަމަށް ބުނެ، ޕީއެންސީ މެންބަރުންގެ ތާއީދާއެކު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
އެ ބިލު ދިރާސާކުރަމުންދާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. ކޮމެޓީ ސިއްރުކޮށްފައި ވަނީ ބިލަށް ހިޔާލު ފޮނުވި މީހުން ޒާތީ މައުލޫމާތު ހުރި ކަމަށާއި، އެ މައުލޫމާތު ލައިވް ކޮމެޓީއެއްގައި އާންމު ކުރުމަކީ މަސްލަހަތު ގެއްލޭނެ ކަމެއް ކަމަށް ބުނެ އެވެ.
އެ ކޮމެޓީ ކަވަރު ކުރަން ތިބި ނޫސްވެރިން ވަނީ ކޮމެޓީ ސިއްރު ކުރަނީ މަޖިލީހުގެ ގަވާއިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ސުވާލު ކުރަން ފަށައިފަ އެވެ. ކޮމެޓީ ސިއްރު ކުރުމުން ނޫސްވެރިން ނުކުންނަން ދެކޮޅު ހެދުމުން ވަނީ ގަދަކަމުން ނެރެފަ އެވެ. ނޫސްވެރިން ނެރޭ ވީޑިއޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
މީގެ ކުރިން މި ބިލު ދިރާސާ ކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް އަދި ނޫސްވެރިންނާ ބައްދަލުކުރި ކޮމެޓީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުވާލައިގެންނެވެ. ދެ ކޮމިޝަނުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.